ވިޔަފާރި

ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓިފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާފައިވާއިރު، އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރުކުރާނެއެވެ.

ދަތުރުތައްކުުރުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، ކޮންމެ ހަފްތާއެއްގެވެސް ހުކުރު، ހޮނިހިރު އަދި އަނގާރަ ދުވަހުއެވެ.

ސިންގަޕޯރ އެއަރަލައިންސްއިން ރާއްޖެ ފުރަތަމަ ދަތުރު ފަށާފައި ވަނީ 1984 ވަނަ އަހަރުއެވެ. ސިންގަޕޯރ އެއަރލައިންސްގެ އިތުރުން، ސިންގަޕޯރގެ އެއަރލައިންގެ ދަށުން އޮޕަރޭޓްކުރާ ސިލްކް އެއަރ އަދި ފްލައިސްކޫޓުންވެސް ރާއްޖެއަށް ދަތުރުތައް ބާއްވައެވެ.

ސިންގަޕޯރ އެއަރލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު، ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ އަދަދު މިވަނީ 30 އަށް އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މީގެތެރެއިން 23 އެއަރލައިންއަކީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާ އެއަރލައިންތަކެވެ. އަދި ބާކީ 7 އެއަރލައިންއަކީ ޗާޓަރު ދަތުރުތައް ރާއްޖެއަށް ބާއްވާ އެއަރލައިންތަކެވެ.