އިނގިރޭސިވިލާތުން ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ އަސަރު އެ ޤައުމަށް މިހާރު ފެންނަން ފަށައިފައިވާކަމަށް އެ މައްސަލައިގައި ވިލާތުގެ އިއްތިޙާދުގެ ފަރާތުން އިނގިރޭސިވިލާތާ މަޝްވަރާކުރުމުގައި އިސްކޮށް އުޅުއްވި މިޝެލް ބާނިޔަރ ވިދާޅުވެއްޖެއެވެ.
ވިލާތުގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުން ވޯޓު ދިނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު އިނގިރޭސިވިލާތުންވަނީ ރަސްމީކޮށް އެ އިއްތިޙާދުން ވަކިވެފައެވެ.
ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ އަސަރު އިނގިރޭސިވިލާތުގެ ރައްޔިތުންނަށް މިހާރު އިޙުސާސުވާނެކަމަށް ބާނިޔަރ ވިދާޅުވިއެވެ. އެ އިއްތިޙާދުން ވަކިވުމުގެ ނަތީޖާތަކުގެ ތެރޭގައި ވިޔަފާރީގެ ހުރަސްތައް ކުރިމަތިވުމާއި އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވިލާތުގެ ޤައުމުތަކަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތަކާއި ވިޒާ ދޫކުރާ އުޞޫލުތަކަށް އައިސްފައިވާ ބަދަލުތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ކާބޯތަކެތި ބޭރުކުރާ މިންވަރުވަނީ 7.5 އިންސައްތަ ދަށަށް ގޮސްފައެވެ. ކާބޯތަކެތި ބޭރުކުރާ މިންވަރު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ ސަބަބުން ވިޔަފާރިއަށް ކުރިމަތިވެފައިވާ ހުރަސްތަކެވެ. އިނގިރޭސިވިލާތުން ބުނީ އެ ޤައުމާއި ވިލާތުގެ އިއްތިޙާދާ ދެމެދު ކުރާ ވިޔަފާރި ހީނަރުވެފައިވަނީ ކޯވިޑް-19ގެ ސަބަބުންކަމަށާއި އެ އިއްތިޙާދުން ވަކިވުމަށްފަހު ޢަމަލުކުރަން ޖެހޭ ކަސްޓަމުގެ ޤަވާއިދުތަކަށް އައިސްފައިވާ ބަދަލުތަކަށް ވިޔަފާރިތަކުން އަހުލުވެރިނުވާތީކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަންކަން ރަނގަޅުވާނެކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.
އެ އިއްތިޙާދުންއިނގިރޭސިވިލާތް ވަކިވުމަކީ ވިލާތުގެ އިއްތިޙާދަށް ލިބުނު ރަނގަޅު ފިލާވަޅެއްކަމަށް ބާނިޔަރ ސިފަކުރައްވައެވެ. އަދި އެ ނިންމުމުގެ ސަބަބުން ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ 450 މިލިއަން ރައްޔިތުންނަށް އެ އިއްތިޙާދުގެ މުހިންމުކަން އިޙުސާސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.