މިޞްރުގެ ސުއޭޒު ކެނަލުގައި އާގުބޯޓެއް ހުރަސްވެ އެ ސަރަޙައްދު ބަންދުވުމުން ލިބުނު ގެއްލުމުގެ ބަދަލުގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ހުށަހެޅުމަށް ވިސްނަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.
ޕަނަމާގައި ދަފުތަރުކޮށްގެން ދުއްވާ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ އެވަރ ގިވަން ސުއޭޒު ކެނަލުގައި ހުރަސްވީ މި މަހުގެ 23ވަނަ ދުވަހުއެވެ. އޭގެ ސަބަބުން ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒު ކެނަލު ހުރަސް ނުކުރެވި އެތައް ސަތޭކަ ބޯޓެއް އެ ކެނަލުގެ ދެ ފަރާތުގައި ތާށިވިއެވެ. އެ ބޯޓު ފުންކޮށް ސުއޭޒު ކެނަލު އާންމު ދަތުރުފަތުރަށް ހުޅުވާލެވުނީ 6 ދުވަސް ފަހުންނެވެ.
ސުއޭޒު ކެނަލު ހިންގާ މިޞްރުގެ ދަޢުލަތުގެ ޙިއްޞާ އޮންނަ ސުއޭޒު ކެނަލް އޮތޯރިޓީން ބުނީ ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅައި ޢަދަދުގެ ތެރޭގައި ޓުރާންސިޓު ފީތަކާއި ބޯޓު ފުންކުރުމަށް ކުރި ޚަރަދާއި އެކަމަށް ބޭނުންކުރި ވަޞީލަތްތައް ހޯދުމަށް ކުރި ޚަރަދާއި މަސައްކަތްތެރިންނަށް ދޭން ޖެހުނު އުޖޫރައިގެ ޢަދަދު ހިމެނޭކަމަށެވެ. ސުއޭޒް ކެނަލް އޮތޯރިޓީގެ ޗީފް އެކްޒެކެޓިވް އުސާމާ ރާބިޢީ ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަމަކީ މިޞްރުގެ ޙައްޤެއްކަމަށާއި އެ ބަދަލު އެ ޤައުމަށް ލިބެން ޖެހޭނެކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދުމަށް އެދޭނީ ކޮންތާކުކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އެވަރ ގިވަން މިހާރު އޮތީ ސުއޭޒް ކެނަލު ހިމެނޭ ސަރަޙައްދުގައި އޮންނަ ގުރޭޓު ބިޓަރ ލޭކުގައެވެ. ރާބިޢީ ވިދާޅުވީ ބަދަލު ހޯދުމުގެ މައްސަލަ ކޯޓާ ހަމައަށް ގޮސްފިނަމަ އެ ބޯޓު މިޞްރުގައި ހިފެހެއްޓުން އެކަށީގެންވާކަމަށެވެ. ނަމަވެސް މިޞްރާއި ބޯޓު ދުއްވާ ތައިވާނުގެ ކުންފުންޏާ ދެމެދު ދުވަސްވީ ގުޅުމެއް އޮންނަކަމަށާއި އެހެންކަމުން އެފަދަ ޙާލަތެއް މެދުވެރިވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.