ޚަބަރު

ޓާޝަރީ ހޮސްޕިޓަލްތަކާއެކު ބޭސްފަރުވާއަށް މާލެއަށް ބަރޯސާވުން ނިމުމަކަށް


ދާދިފަހަކާ ޖެހެންދެން ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާގެ ކަންކަމުގައި މުޅިންހެން ބަރޯސާވާން ޖެހުނީ މާލެއަށެވެ.

އެހެންނަމަވެސް ޒަމާން ބަދަލުވަމުން އައިސް އަތޮޅުތަކުގައި ސިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތައް ޤާއިމްކޮށް އެތަންތަނުން ޚިދުމަތް ދޭން ފެށިއެވެ. ދެން ދިމާވި މައްސަލައަކީ އެތަންތަނުން ރައްޔިތުން ބޭނުންވާ މިންވަރަށް އެކަށީގެންވާ ޚިދުމަތެއް ނުލިބުމާއި ވަޞީލަތްތައް ނެތުމުގެ ސަބަބުން ބޮޑެތި ބަލިތަކަށް ފަރުވާދޭން ނުކުޅެދުމެވެ. އަނެއްކާވެސް މާލެއަށް ބަރޯސާނުވެ ފަރުޖެއްސެން ނެތުނީއެވެ.

ބޭސްފަރުވާއަށް މާލެ އައިސް ކުލި ދައްކައިގެން ތިބެންޖެހުމާއި ބޭސްފަރުވާ ހޯދުމަށްޓަކައި އަތުން ބޮޑު ޚަރަދެއް ކުރަންޖެހުމަކީ ރައްޔިތުން އުފުލަންޖެހިފައި އޮތް ބޮޑު ތަކުލީފެކެވެ.

މި ތަކުލީފަށް ނިމުމެއްގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސަރުކާރުގެ އަމާޒަކީ ސިއްޙީ ނިޒާމް ލާމަރުކަޒު ކުރުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި އެކަށީގެންވާ ޚިދުމަތްތަކާއެކު ޓާޝަރީ ހޮސްޕިޓަލްތައް ޤާއިމްކޮށް މާލެއާ އެއްފެންވަރަކަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ފަށްޓަވާފައެވެ.

މި މަސައްކަތް މިހާރުވެސް ހުއްޓުމެއް ނެތި ކުރަމުން އަންނައިރު މިހާރު ހުރި ރީޖަނަލް ހޮސްޕިޓާތަކުން ވަނީ މިއަދާހަމައަށް އައިރު މުޅިން އައު ޚިދުމަތްތަކެއްވެސް ފަށާފައެވެ.

ހދ. ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ޖުމުލަ 19 ޑޮކްޓަރުންނާއި 93 ނަރުހުންނާއެކު ޚިދުމަތް ފޯރުކޯށްދެމުން އަންނައިރު މުޅިން އަލަށް 17 ޚިދުމަތެއް އެތަނުގައިވަނީ ފާށާފައެވެ.

މީގެ ތެރޭގައި އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތަކާއެކު ވަނީ ޚިދުމަތް ފުޅާކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭންވެސް މިހާރު ވަނީ ފަށާފައެވެ.

މީގެއިތުރަށް މިދިޔަ މާރޗްމަހުގައި އެ ހޮސްޕިޓަލުގައި ވަނީ އެމްއާރްއައިގެ ޚިދުމަތްވެސް ދޭންފަށާފައެވެ. ސީޓީ ސްކޭނިންގެ ޚިދުމަތް ފަށާފައިވާއިރު ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭ ގޮތަށް ބަދަލު ކުރުމާއި ލެބޮރެޓަރީ ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީ ކޮށްފައެވެ. 2019ވަނަ އަހަރުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ކާޑިއެކް ޚިދުމަތް ދޭން ފާށާފައެވެ. ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތާއި ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކޮށް ޚިދުމަތް އަންނަނީ ދެމުންނެވެ. އޮކްސިޖަން ޕްލާންޓް އިންސްޓޯލްކޮށް ހިދުމަތް ދޭން ފަށާފައިވާއިރު ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓެއް ޤާއިމުކޮށް ޚިދުމަތްދޭންވެސް ވަނީ ފަށާފައެވެ. ހޮސްޕިޓަލުގައި މަރާމަތު ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު ކޯވިޑްއަށް ފަރުވާދިނުމަށްޓަކައި ވަނީ ޚިދުމަތްތައް ޤާއިމުކޮށްފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މުޅިން އަލަށް ވަނީ 8 ޚިދުމަތެއް ފަށާފައެވެ. އެ ހޮސްޕިޓަލުގައި ޑޮކްޓަރުގެ ގޮތުގައި 15 ޑޮކްޓަރުން ހަރަކާތްތެރިވަމުން އަންނައިރު 81 ނަރުހުން ބަލިމީހުންނަށް ޚިދުމަތް ކުރުމަށްޓަކައި އެބަތިއްބެވެ. އޭގެ ތެރޭގައި 29 ނަރުހުންނަކީ ދިވެހިންނެވެ. އުނގޫފާރު ހޮސްޕިޓަލުގައި އަލަށް ވަނީ އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭން ވަނީ ފަށާފައެވެ. ހޮސްޕިޓަލަށް 6 ޕްރައިވެޓް ރޫމް އިތުރުކޮށްފައިވާއިރު މަރާމާތުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މި ހޮސްޕިޓަލުގައިވެސް ވަނީ ކޮރޯނާ ވައިރަސް ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ސައިކޭޓްރިސްޓް ޚިދުމަތްވެސް މިހާރު އަންނަނީ ދެމުންނެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ.ތިނަދޫގައި ހުންނަ މިހޮސްޕިޓަލުގައި އަލަށް އިމާރާތްކުރާ 14 އޯޕީޑީ ރޫމުގެ އޯޕީޑީ އޭރިއާއާއި، 2 ލޭބަރ ސޫޓް އަދި އެންއައިސީޔޫ ހިމެނޭ، 04 ޕްރައިވެޓް ރޫމު ހިމެނޭ އިމާރާތް ހެދުމާއި މިހާރުގެ އޯޕީޑީ އޭރިއަރ އީއާރްއަކަށް ބަދަލުކުރުމަށް ހަމަޖެހި މިޕްޖެކްޓް މޮބިލައިޒްކޮށް މިއހަރުގެ އޯގަސްޓް މަހު ވަނީ މަސައްކަތް ފެށުމަށް ނިންމާފައެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވަނީ އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވިފައިވާއިރު މި ހޮސްޕިޓަލުން އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާއާއި ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ވަނީ ނިންމާލާފައެވެ. ސައިކޭޓްރިސްޓް ޚިދުމަތް ދެމުން އަންނައިރު ހޮސްޕިޓަލުގައި މަރާމާތު ކުރުމަށް ހުރި މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

މި ހޮސްޕިޓަލުގައިވެސް ކޯވިޑްއަށް ފަރުވާދިނުމަށްޓަކައި ވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ. މި ހޮސްޕިޓަލުގައި 15 ޑޮކްޓަރުން އެބަތިއްބެވެ. ޖުމުލަ 63 ދިވެހި ނަރުހުންނާއެކު އެ ހޮސްޕިޓަލުގައި 89 ނަރުހުން އަންނަނީ ބަލިމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވަމުންނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި 15 ޑޮކްޓަރުން ތިބި އިރު 79 ނަރުހުން އެބަތިއްބެވެ. މީގެ ތެރޭގައި ގިނައީ ދިވެހި ނަރުހުންކަން ފާހަގަކުރެވެއެވެ. މިގޮތުން 41 ދިވެހި ނަރުހުން ބަލިމީހުންނަށް އަންނަނީ ޚިދުމަތްދެމުންނެވެ. ގަން ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ގިނަ ޢަދަދެއްގެ މެޑިކަލް އިކުއިޕްމަންޓް މިދިޔަ އަހަރު ވަނީ ގެންގޮސްފައެވެ. އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތަކާއެކު އެ ޚިދުމަތް މި ހޮސްޕިޓަލުގައި ވަނީ ފުޅާކޮށްފައެވެ.

މި ހޮސްޕިޓަލުގައި މުޅިން އަލަށް އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭންފަށާފައިވާއިރު ފުޓުނި އަދި ރޫޓް ކެނަލްގެ ހިދުމަތްވެސް މިހާރު އަންނަނީ ދެމުންނެވެ. މި ހޮސްޕިޓަލުގައި ތަފާތު ޚިދުމަތްތައް ދިނުމަށްޓަކައި އިމާރާތްތައް އަޅަމުން އަންނައިރު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތްތަކާއި ސީޓީ ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުރަށް ސައިކޭޓްރިސްޓް ޚިދުމަތްވެސް މިހާރު އަންނަނީ ދެމުންނެވެ. ކޮރޯނާ ވައިރަސް ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރަށް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ސިޓީއަކީ އައްޑޫއެވެ. އަައްޑޫ އިކުއެޓޯރިއަލް ހޯސްޕިޓަލަކީ އެސިޓީއާއި އެހެން އަތޮޅުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އަޖީއެމްއެޗްގެ ޑޮކްޓަރުންނާ ގުޅިގެން ވޭތުވެ ދިޔަތާގައި އެތަނުގއިވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައެވެ.

އެ ހޮސްޕިޓަލުގައި 20 ޑޮކްޓަރުންނާއި 104 ނަރުހުން އަންނަނީ ބަލިމީހުންނަށް ޚިދުމަތްދެމުންނެވެ. ސަރުކާރުން މި ހޮސްޕިޓަލަށް ބޭނުންވާ ވަޞީލަތް ފޯރުކޮށްދެމުން އަންނައިރު މިހާރުވަނީ އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެންގޮސް ވަނީ ފުރިހަމަކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ވަނީ ދޭންފަށާފައެވެ. ކާރޑިއޮލޮޖީ ގެ ޚިދުމަތާއި ސްޕީޗް ތެރެޕީގެ ޚިދުމަތްވެސް ވަނީ ދޭންފަށާފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި 100އެނދާއި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސޮލޮލޭޝަން 47 އެނދުވަނީ އިތުރުކޮށްފައެވެ. މި ހޮސްޕިޓަލަށް މުޅިން އަލަށް 10އައިސީޔޫ އެނދާއި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސޮލޮލޭޝަނަށް 21 އެނދު ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރަށް 6 ޕްރައިވެޓް ބޯޑުވެސް އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ އިތުރުކޮށްފައެވެ.

އިތުރު ޚިދުމަތްތައް

  • ސީޓީ ސްކޭންގެ ޚިދުމަތް ޖެނުއަރީ 2020ގައި ތަޢާރަފްކުރެވި 4 ނޮވެމްބަރ 2020ގެ ނިޔަލަށް 655 ސީޓީ ސްކޭނު ހެދިފައިވޭ
  • އެމް.އާރ.އައިގެ ޚިދުމަތް
  • އިންހައުސް ފާރމަސީގެ ޚިދުމަތް
  • ލެބޯޓްރީގައި ހިސްޓޯޕްތޯލޮޖީ ގެ ޚިދުމަތް
  • އެކޯ ކާޑޮއޯގްރަފީ ގެ ޚިދުމަތް
  • ޓްރެޑްމިލް ޓެސްޓް ގެ ޚިދުމަތް
  • ހޯލްޓަރ މޮނިޓަރިންގ
  • އީ.އެމް.ޖީ އަދި އީ.އީ.ޖީ ގެ ޚިދުމަތް
  • ކުނިނައްތާލުމުގެ ނިޒާމް
  • ސެންޓްރަލް މެޑިކަލް ސަޕްލައިގެ ޙިދުމަތް
  • ބްރޮންކޯސްކޯޕީ
  • ކޮލޮނަސްކޯޕީ
  • އެންޑޮސްކޯޕީ
  • ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްލުރެވި ޚިދުމަތް ދެވެމުންދޭ

ވޭތުވެ ދިޔަ އަހަރުތަކުގައި މިހާ ގިނަ ޚިދުމަތްތަކެއް މިހޮސްޕިޓާތަކުން ދޭން ފަށާފައިވާއިރު ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.

ޚާއްސަގޮތެއްގައި ކޯވިޑް-19ގެ ސަބަބުން މާލެ ފުރަބަންދެއްގައި އޮތްދުވަސްވަރު މާލެ ނައިސް މިހޮސްޕިޓާތަކުން އެތަކެއް މީހުނެއް ވަނީ ޚިދުމަތް ހޯދާފައެވެ. އެދުވަސްވަރު މާލެނައިސް އަތޮޅުތަކުގެ ހޮސްޕިޓާތަކުން ބަލިމީހުނަށް ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ލިބިފައިވަނީ މި ޚިދުމަތްތައް އެތަންތަނުގައި ލިބެން ހުރުމުންކަން ކަށަވަރެވެ.

އެތަކެއް ބޮޑެތި އޮޕަރޭޝަންތަކާއި ރާއްޖޭގައި އަލަށްކުރި އެތައް އޮޕަރޭޝަންތަކެއްވެސް ވަނީ މިހޮސްޕިޓާތަކުގައި ކޮށްފައެވެ. މި ހޮސްޕިޓާތައް ޓާރޝަރީ ފެންވަރަށް ބަދަލުކުރުމާއެކު ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ބޭސްފަރުވާއަށް މާލެ އަންނަން އުފުލާ ތަކުލީފު ނިމުމަކަށް އައުން ގާތެވެ.