ވިޔަފާރި

ރޯދައަށް އަންނަ ކާބޯތަކެތީގެ މުދާ އަވަހަށް ކްލިއަރ ކުރުމަށް ގިނަ އިންތިޒާމްތަކެއް


ރޯދަމަހަށް ރާއްޖެއަށް ގެންނަ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރުމަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ރޯދަމަހަށްވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މިދިޔަ އަހަރަށްވުރެ މިއަހަރު ކާބޯތަކެތީ އަންނަ މިންވަރު އިތުރުކަމަށެވެ. އަދި ރޯދަމަސް ފެށުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، މި މުއްދަތުގައި ގިނަ އަދަދަކަށް މުދާ ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން މަސައްކަތްތައް ހަލުވި ކުރުމަށް އެމްޕީއެލްއަށް އިތުރު މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

" ރޯދަމަސް ކުރީކޮޅުވެސް ގިނަ އަދަދަކަށް މުދާ އަންނާނެ ކަމަށް ލަފާކުރެވޭ، މުދާ ބޭލުމުގައި ލަސްތަކެއް ވިޔަ ނުދޭން، މީގެ ދޮޅުމަސް ކުރިން މަސައްކަތް ފަށައިގެން، އޭގެ އެއް މަސައްކަތަކީ އިތުރު މުވައްޒަފުން ނެގުން، އެގޮތުން މީގެ ދޮޅުމަސްކުރިން އިޢުލާން ކުރިން އިތުރު މުވައްޒަފުން ނަގަން، އޭގެތެރެެއިން މިހާރު ބައެއް މުވައްޒަފުން މިވަނީ ރެކްރޫޓްކުރެވިފައި،" ޝާޙިދު ވިދާޅުވިއެވެ

ޝާހިދު ވިދާޅުވީ ކާބޯތަކެތި އާއްމުކޮށް ބާލާ ސަރަޙައްދުގެ ކީވޯލްގެ ބޮޑު ސަރަޙައްދެއް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރެވިފައިވާ ކަމަށެވެ. މިއާއެކުވެސް ވެހިކަލްތަކަށް ފަސޭހައިން އެހިސާބުގައި ދުއްވާލެވޭނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ އެއް ފަހަރާ ގިނަ އަދަދަކަށް މުދާ ރާއްޖެއަށް އައުމުން ގުދަނުގައި ޖާގައިގެ ދަތިތަކެއްވެސް ކުރިމަތިވާ ކަމަށާއި، މިކަމަށްވެސް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށެވެ.

" ޓެމްޕަރަރީ އިތުރު ސްޓޯރޭޖެއް ހަދާފައި މިހާރުވާނެ، މިވަގުތު އިންނާނެ، 2 ކޮންޓެއިނަރ އެތަނަށް އެލޮކޭޓްކޮށްފައި، ގުދަން ފުރޭކަމަށްވަންޏާ، އެ ކޮންޓެއިނަރތެރޭ މުދާ ޖެއްސޭގޮތް ހަދާފައިވާނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި މަރާމާތު ކުރުމަށްފަހު ގިނަ އަދަދެއްގެ ވެހިކަލްތައްވެސް މިހާރު އޮޕަރޭޝަނަށް ނެރެފައިވާކަމަށެވެ.

ކާބޯތަކެތި ހިފައިގެން ބަންދު ދުވަސްތަކުގައި ރާއްޖެއަށް އަންނަ ބޯޓުތަކުން މުދާ ކްލިއަރ ކުރުމަށް އެދުވަސްތަކުގައިވެސް މުވައްޒަފުން ނެރެގެން މަސައްކަތްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.