ޚަބަރު

ހިތްވަރުގަދަ ޑޮކްޓަރުންނަށް ހިތުގެ ފުންމިނުން ޝުކުރިއްޔާ!


ކޮންމެ އަހަރެއްގެވެސް އެޕްރީމަހުގެ 18ވަނަ ދުވަސް ފާހަގަކުރަނީ ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައެވެ. މީގެކުރިން މިދުވަސް ފާހަގަކުރުމަށް ހެލްތު މިނިސްޓްރީއާއި ޑޮކްޓަރުންގެ އަމިއްލަ އިސްނެންގެވުމަށް ގިނަ ޙަރަކާތްތައް އައީ ހިންގަމުންނެވެ. އެހެންނަނަމަވެސް މިއަހަރު މިވަނީ ޙާލަތު މުޅިން ބަދަލުވެފައެވެ.

މުޅި ދުނިޔެއަށް 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުންފެށިގެން ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން، ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންނަށް ފާހަގަނުކުރެވި ވަނީ، މި ދުވަސް އެކަންޏެއް ނޫނެވެ. އެމީހުންގެ އަނބިދަރިންނާއި މައިންބަފައިންނަށް ދޭންޖެހޭ ވަގުތުތަކާއި އެމީހުންގެ ޒާތީ ޚާއްސަ ދުވަސްތަކާއި އެހެންވެސް އަމިއްލަ އެތައް އުފަލަކުން މަޙުރޫމުވެގެން މިދާއިރާގެ ބޭފުޅުން ރެއާއިދުވާލު ކުރައްވަނީ ޤައުމީ ޚިދުމަތެވެ.

ޙާލަތު ބަދަލުވެގެން ދިޔަގޮތުން ޑޮކްޓަރުންގެ ދުވަހެއްގެ ބަދަލުގައި ޑޮކްޓަރުންގެ އަހަރެއް މިވަނީ ފާހަގަކުރަންޖެހިފައޭ ދެންނެވިދާނެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި މިދަނޑިވަޅުގައި ޤައުމުގެ އިސްސަފުގައި ދެންތިބި މީހުންނަށް މަގުދެއްކުމުގެ ބޮޑު ޒިންމާއާ އެބައްޔެއްގެ ހަގީގަތް މުޅި ހޯދިފައިނުވާ އަދި ފަރުވާވެސް ހޯދިފައި ނެތް ބައްޔަކުން އިންސާނިއްޔަތު ސަލާމަތްކުރުމުގެ ބޮޑު މަސްއޫލިއްޔަތާ ޑޮކްޓަރުންވަނީ ކުރިމަތިލައްވާފައެވެ. އަމިއްލަ ފުރާނައާއި އަމިއްލަ ޢާއިލާއާ ދުރުގައި ޑޮކްޓަރުން އެތައް ވަގުތެއް ހޭދަކުރައްވައި، ކުރެއްވި ބުރަ މަސައްކަތްތަކަކީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ޚިދުމަތެއް ނޫނެވެ.

މީގެ ކުރިން މިޖީލު ދެކެފައިނުވާވަރުގެ ބަލިމަޑުކަމެއް ފެތުރެންފެށުން ވެގެންދިޔައީ ޑޮކްޓަރުންވެސް ކަންބޮޑުވި ކަމަކަށެވެ. ބޮޑެތި ޤައުމުތަކުގެ ސިއްޙީ ނިޒާމު އިނދަޖެހެމުންދިޔަތަން ދިވެހި ޑޮކްޓަރުންނަށް ފެންނަމުން ދިޔަނަމަވެސް ޑޮކްޓަރުން އަޒުމު ކަނޑައެޅީ ބަލީގެ ކުރިމަތީގައި ހިތްވަރު އެލުވައިނުލުމަށެވެ.

ކޮންމެ ދުވަހަކުވެސް އަޒުމް އާކޮށް ރައްކާތެރިވުމަށް ކުރެވެން އޮތްކަމެއް ކުރުމަށް ޢާއްމުންނަށް ނަސޭޙަތްދެއްވުމުގައި ޑޮކްޓަރުންގެ ޓީމުތައް ޙަރަކާތްތެރިވިއެވެ. ބަލީގެ ޙާލަތު ދެނެގަނެ ރާއްޖޭގެ ޙާލަތު ވަޒަންކުރެއްވުމުގައިވެސް އެތައް މަސައްކަތެއް ކުރެއްވުމުގައި ބައެއް ޑޮކްޓަރުންގެ ހުރިހާވަގުތެއް ހޭދަކުރެއްވިއެވެ. ސިއްހީ ކުއްލި ނުރައްކަލަކަށްވުމާއެކު ކަންކަން އިންތިޒާމުކުރުމަށް ބަސްބުނުމުގެ ފުރަތަމަ ސަފުގައިވެސް ޙަރަކާތްތެރިވީ ޑޮކްޓަރުންނެވެ. ކޯވިޑް-19ގެ އިތުރުންވެސް ރާއްޖޭގައި އިތުރަށް އޮތް ބަލިމަޑުކަމަކަށްވެސް ފަރުވާކުރެއްވުމުގައި ތިއްބެވީ ހަމަ މި ޑޮކްޓަރުންނެނެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަކަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެންދާއިރު އަދިވެސް ޑޮކްޓަރުންގެ މަސައްކަތަށް ނިމުމެއް ނެތެވެ. މަސައްކަތަކަށް ހުއްޓުމެއްނެތެވެ. ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ 900 އެއްހައި ޑޮކްޓަރުންނަށް ހަމަޖެހުމެއް ލިބިގެންދާނީ މިބަލީގެ ނުރައްކާ ރާއްޖެއިން މުޅިން ފިލައިގެންދިޔުމުންނެވެ.

މި ހިތްވަރުގަދަ "ފަހުލަވާލުން"ގެ ޚިދުމަތް ދިވެހިން ބަލައިގަންނަނީ ނިހާއީ ޝުކުރުވެރި ހިތަކާއެކުގައެވެ. ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިން ވަމުންދާ ޤުރުބާނީ ދިވެހިން ޤަބޫލުކުރަނީ ޤައުމީ މަތިވެރި ޚިދުމަތެއްގެ ގޮތުގައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައި އޮތް އެންމެބޮޑު ދައްޗަކީ ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް ނެތުމެވެ. މީގެތެރެއިންވެސް ޑޮކްޓަރުން މަދުވުމުގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެހެންނަމަވެސް މިމައްސަލަ މިއަހަރުގެ މެދުތެރޭ މުޅިން ޙައްލުކުރެވޭނެކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި މިވަގުތު މަސައްކަތްކުރަމުން އަންނަނީ 661 ދިވެހި ޑޮކްޓަރުންނެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ދުއިސައްތައަށްވުރެ ގިނަ ދިވެހި ދަރިވަރުން ސިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރަމުން ދެއެވެ. މިއީ ކުރިއަށް އޮތްތަނުގައި ޤައުމީ ޚިދުމަތަށް ނުކުންނާނެ ދިވެހި ޑޮކްޓަރުންނެވެ.

ކޯވިޑް-19ގެ ނުރައްކާތެރިކަން ކުޑަވާކަމުގެ ޢަލާމާތްތައް ފެންނަކަމަށް ގިނަބަޔަކު ޤަބޫލުކުރާއިރު މިހިސާބަށް އައިއިރު މި ޙާލަތުން އަރައިގަތުމަށް އެންމެބޮޑު ޤުރުބާނީއެއް ވީ ޑޮކްޓަރުންނެވެ. ޑޮކްޓަރުންގެ ދުވަހުވެސް ޑޮކްޓަރުން ދެއްވަނީ ހަމަ އެއިރުޝާދެވެ. އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އަމިއްލަ ރައްކާތެރިކަން އިސްކުރުމެވެ. ވެކްސިން ޖެހުމެވެ. އަދިވެސް ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމެވެ.

މިފަދަ ދުވަހެއްގައި އަޒުމް އާކުރަންވީ ލިބުނު ފިލާވަޅުން ޢިބްރަތް ޙާސިލުކުރުމަށެވެ. ޑޮކްޓަރުންގެ ޚިދުމަތަކީ ދުވަހުކެވެސް އޭގެ އަގު އަދާނުކުރެވޭހާ އަގުބޮޑު ޚިދުމަތެކެވެ. އިންސާނީ ޚިދުމަތުގައި ނަމުނާ ދެއްކެވި ހިތްވަރުގަދަ ޑޮކްޓަރުންނަށް އައްސަރިބަހާއި ސާބަހެވެ. ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާއެވެ.