ކުޅިވަރު

މާދަމާގެ މެޗުގެ ސަލާމަތީކަންކަން ފުރިހަމައަށް ތައްޔާރުވެފައި


ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ހޮންކޮންގ އާއި ދިވެހިރާއްޖެ ވާދަކުރާ މެޗުގެ ސަލާމަތީކަންކަން ވަރަށް ފުރިހަމައަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމުން ހާމަކޮށްފިއެވެ.މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާދަމާގެ މެޗުގެ ސަލާމަތީ ކަންތައްކަށް ދިވެހި ސިފައިނާއި ފުލުހުން ގުޅިގެން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، ސަޕޯޓަރުން އެއްވެސް ހާސްކަމެއްނެތި މެޗު ބަލާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. މާދަމާ މެންދުރު ދޭއް ޖަހާއިރުން ފެށިގެން ތިންގަޑި ބަޔާއި ދޭތެރޭ ހުރިހާ ސަޕޯޓަރުންވެސް ދަނޑަށް ވަނުމަށް އެދޭކަމަށާއި، މެޗަށް ހުރިހާ ސަޕޯޓަރުން ވައްދާނީ ސެކިއުރިޓީ ޗެކްކުރުމަށް ފަހު ސްކްރީން ކުރެވިގެންކަމަށް ބައްސާމް ވިދާޅުވިއެވެ."ސިފައިން އަދި ފުލުހުން ގުޅިގެން ވަރަށް ފުރިހަމައަށް މާދަމާގެ މެޗުގެ ސަލާމަތީ ކަންތައްތަކަށް ތައްޔާރުވެފައި އޮތީ. ދޭއް ޖަހާއިރު ދަނޑަށް މީހުންނަށް ވަދެވޭނެ. ދަނޑަށް ވަނުމުގެ ކުރިން ހުރިހާ ސަޕޯޓަރުންވެސް ސްކްރީން ކުރެވޭނެ" ބައްސާމް ވިދާޅުވިއެވެ.މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފީފާ ގަބޫލުކުރާ ފެންވަރުގައި ދަނޑުގެ ސެކިއުރިޓީ މާދަމާ ބެލެހެއްޓޭނެކަމަށާއި، ހޮންކޮންގ ޓީމްގެ ރައްކާތެރިކަމާއި، ދަނޑުގެ ސަޕޯޓަރުންގެ ރައްކާތެރިކަމަށްވެސް އެކަށީގެންވާވަރަށް ފުލުހުންނާއި ސިފައިން ތިބޭނީ ތައްޔާރުވެގެންކަމަށެވެ. ނަވީން ވިދާޅުވީ އެ ސަރަހައްދުގެ ޓްރެފިކްގެ ކަންކަންވެސް ރެގިއުލޭޓް ކުރެވޭނެކަމަށާއި، ދަނޑު ސަރަހައްދު ޕެޓްރޯލްކުރުމުގެ އިތުރުން ފަޔާ ލޮރީ އަދި ސަޕޯޓަރުންނަށް ހާއްސަ މެޑިކަލް ޓީމެއް ދަނޑުގައި އޮންނާނެކަމަށެވެ."ދަނޑު ސަރަހައްދުގެ ޓްރެފިކްވެސް ބެލެހެއްޓޭނެ، ފުލުހުން ޕެޓްރޯލްވެސް ކުރަމުންދާނެ، ދަނޑަށް ވަންނަ ސަޕޯޓަރުންގެ ރައްކާތެރިކަމުގެ ޔަގީންކަން ފުލުހުން ހުރިހާ ރައްޔިތުންނަށް އަރުވަން" ނަވާޒް ވިދާޅުވިއެވެ. ނަވީން ވިދާޅުވީ ދަނޑަށް ނުވެއްދޭނެ އެއްޗެހި ހުރިހާ ސަޕޯޓަރުންނަށްވެސް އިނގޭނެކަމަށާއި، ބޮޑެތި ދަބަސްތައް ހިފައިން ދަނޑަށް ނުދިޔުމަށް އިލްތިމާސްކުރާކަމަށެވެ. ސަބަބަކީ ދަބަސް ޗެކްކުރުމުގައިވެސް ވަގުތު ހޭދަވާނެތީވެ ސްކްރީންގ ޕްރޮސެސް އަވަސްކޮށް ވީހާވެސް ގިނަ ސަޕޯޓަރުން ވީހާވެސް އަވަހަށް  ދަނޑަށް ވަނުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ.ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންގ އާއި ދިވެހިރާއްޖެ ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ތިންގަޑި ފަންސާހުގައެވެ.