ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިދުވަސްކޮޅު އާއްމުކޮށް ދުވާލެއްގެ މައްޗަށް 350 ޓަނާއި، 400 ޓަނާއި ދެމެދުގެ އަދަދަކަށް މަސް މިހާރު ކިރަމުންދާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، ގިނަ އަދަދެއްގެ މަސް ދޯނިތައް ކޫއްޑޫއަށް މަސް ކިރުވުމަށް އަންނަމުންދާއިރު، މަސްވެރިން ކިއުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
އިސްމާޢިލް ފާހަގަކުރެއްވިގޮތުގައި 24 ގަޑިއިރު މަސައްކަތްތައް ކުރިއަށްދާއިރު، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އެވްރެޖްކޮށް 80 ޓަނާއި 100 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ދޯނިތަކުން މަސް ކިރުވަމުންދާ ކަމަށެވެ.
"އެވްރެޖްކޮށް ދޯންޏަކަށް އެބަހުރި ތިން ޓަނު ހަތަރު ޓަނު، ރަނގަޅަށް ބާނާ ދޯނި ފަހަރު 20 ޓަނުވެސް، 30 ޓަނު، 35 ޓަނު، 40 ޓަނުވެސް އެބަހުރި ބާނާފައި، ދެން އެއްފަހަރާއި އެހާ ބައިވަރު ދޯނި ފަހަރު ކޫއްޑޫ އާއި ދިމާލަށް އަންނާތީ ބްރީތިންގ ކެޕޭސިޓީގައިވެސް ސައްލަތަކެއް އެބަ އުޅޭ،" އިސްމާޢިލް ވިދާޅުވިއެވެ.
އިސްމާޢިލް ވިދާޅުވީ މިހާރު ރާއްޖޭގެ އުތުރުންނާއި މެދު ރާއްޖެތެރެއިން ގިނަ އަދަދެއްގެ މަސް ދޯނި ފަހަރު މިހާރު ރާއްޖޭގެ ދެކުނުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އިސްމާޢިލް ވިދާޅުވީ އެއް ފަަހަރާއި ގިނަ އަދަދަކަށް ދޯނި ފަހަރު މަސް ކިރުވުމަށް އަންނަމުން ދިޔަނަމަވެސް މެނޭޖްކުރަމުންދާ ކަމަށެވެ.
"ދެން ކޮންޓިއުއަސްކޮށް 24 ގަޑިއިރު އޮޕަރޭޝަން ކުރިއަށް އެބަގެންދަން، ބްރައިންއިން މަސް ނަގާ ފްރީޒްކޮށްފައި، ކޯލްޑް ސްޓޯރަށްލާން އެ މަސައްކަތް ކުރިއަށްދާނެ، އަބަދުވެސް ދޯނި ފަހަރު އައިސް މަސް ކިރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވަނީ،" އިސްމާޢިލް ވިދާޅުވިއެވެ.
އާއްމުކޮށް އޭޕްރީލްމަހަކީ ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މިއަހަރުގެ މި ދުވަސްކޮޅު މި ދިމާވީ ރޯދަމަހަށް ކަމަށްވުމުން ރޯދަޔަށް ތިބެ ބުރަކޮށް މަސައްކަތް ކުރިއަށްގެންދަން ޖެހޭތީ ގޮންޖެހުންތަކެއްވެސް އެބަހުރިކަން މިފްކޯއިން ފާހަގަކުރެއެވެ.