ދީން

ޒިކުރާ މިސްކިތް ހުރި ބިމުގައި ހެދި ވަގުތީ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ


‏ޒިކުރާ މިސްކިތް ހުރި ބިމުގައި ހެދި ވަގުތީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޒިކުރާ މިސްކިތް ހުރި ބިމަށް ޒިޔާރަތްކުރައްވައި އެތަނުގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި، އެމިނިސްޓްރީގެ ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. ވަގުތީ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިސްކިތް މިހާރު ހުރީ ތަޅުން އަޅާ ހިޔާކޮށް ނިމިފައިކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އެ މިސްކިތުގައި ނަމާދުކުރަން ފެށޭވަރުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއް ފެނިފައިވެއެވެ. އަދި ވަގުތީ މިސްކިތް އެތަނުގައި ބިނާކުރަމުންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އެތަން ސާފުކުރުމަށްފަހުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.


މަސްޖިދުއްޛިކްރާ ނުވަތަ ޒިކުރާ މިސްކިތް ތަޅާލައި އެ ބިން ސާފުކުރުމުގެ މަސަައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމާފައިވާއިރު 1،100 އަށްވުރެ ގިނަ މީހުންގެ ސޮއާއެކު މިދިޔަމަހުގެ ތެރޭގައި އިސްލާމިކު މިނިސްޓްރީއަށް ޕެޓިޝަނެއް ވަނީ ހުށައަޅާފައެވެ. އަމިއްލަ ފަރާތަކުން މިނިސްޓްރީއަށް މި މިޕެޓިޝަން ހުށަހަޅާފައިވަނީ އެ މިސްކިތް ތަޅާލާފައިވުމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅެމުންދާ އެތައް ރައްޔިތުންނެއް އެކަމުގެ ދަތިކަން ތަހައްމަލު ކުރަމުންދާތީއެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. އަދި މިސްކިތް އެޅުމަށްކަމަށް ބުނެ 2018ވަނަ އަހަރު ވަނީ ކޮންޓްރެކްޓެއްވެސް ހަދާފައެވެ. ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައިނުވާއިރު، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާވެސް ވަނީ ދީފައެވެ.