ކޯވިޑް-19

ކޯވިޑް-19 : މާފުށިން 148 މީހުން ޕޮޒިޓިވް، ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ


މާލެ އަތޮޅު މާފުށިން މިހާތަނަށް 148 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މާފުށީ ހެލްތު ސެންޓަރުން ވިދާޅުވެއްޖެއެވެ.

މާފުށިން ކޯވިޑް-19އިގެ ކޭސްތަކެއް ފެނުމާގުޅިގެން އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާފުށީ ހެލްތު ސެންޓަރުގެ މެނޭޖަރ ސަލްމާން އިބްރާހީމް ވިދާޅުވީ، އިއްޔެ އެކަނިވެސް އެރަށުން 61 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހުރިހާ އުމުރުފުރާއެއްގެ މީހުންވެސް ހިމެނޭކަމަށާއި، އޭގެ ތެރޭގައި ހައި ރިސްކު މީހުންވެސް ހިމެނޭކަމަށެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 148 އަކަށް އަރާފައިވާއިރު، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ދެނެގަނެވިފައިވާކަމަށްވެސް ސަލްމާން ވިދާޅުވިއެވެ.

"ވަކި އުމުރެއް ނޫން، ހުރިހާ އުމުރުފުރާއެއްގެ މީހުންގެ ގައިންވެސް ބަލި ފެނިފައިވޭ. ވަރަށް ތުއްތު ކުދިންނާއި، ހައި ރިސްކް ކެޓެގަރީގެ މީހުންވެސް ހިމެނޭ. ގޭގެއިން ގިނައިން ފެންނާތީ، ކޮންޓެކްޓުންގެ ޢަދަދުވެސް 400 އަށްވުރެ މަތި" ސަލްމާން ވިދާޅުވިއެވެ.

މާފުށީގައި ކޯވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަނެ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ ސާމްޕަލް ނެގުމާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރަމުންދާކަމަށް ސަލްމާން ވިދާޅުވިއެވެ. އެގޮތުން ބަލީގެ ޢަލާމަތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ސާމްޕަލްތައް ނެގުމާއި، ޕޮޒިޓިވްވާ މީހުން ދިރިއުޅޭ ތަންތަނުގައި އުޅޭ އިތުރު މީހުންގެ ސާމްޕަލްތައް ނަގަމުންދާކަމަށް ސަލްމާން ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެރަށުގެ 40 ގެއެއް މިވަގުތުވެސް ވަނީ ކަރަންޓީނަށް ލާފައެވެ. އަދި މިހާތަނަށް އެރަށުން ކޯވިޑަށް ޓެސްޓްކުރުމަށް 400 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް ސަލްމާން ވިދާޅުވިއެވެ.

މާފުށީގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށްޓަކާ އިތުރު ފިޔަވަޅުތަކެއް އެޅުމަށް މާފުށީ ހެލްތު ސެންޓަރާއި އެރަށު ކައުންސިލުން މިހާރުވަނީ ނިންމާފައެވެ. އެގޮތުން ގެސްޓް ހައުސްތަކުން ފޯރުކޮށްދޭ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައް ހުއްޓާލުމާއި، ކެފޭ ރެސްޓޯރެންޓްތަކުން ޓޭކްއަވޭގެ ޚިދުމަތް އެކަނި ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ފިހާރަތަކުންވެސް ކަސްޓަމަރުންނަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށާއި، މިސްކިތަށްދާއިރުވެސް ގެއިން ވުޟޫކޮށް، އަމިއްލަ މުސައްލައެއް ހިފައިގެން ދިއުމަށް ރަށުގެ ރައްޔިތުންނަށް ވަނީ ބާރު އަޅާފައެވެ.

މާފުށީ ސްކޫލުގައި މިވަގުތު ކިޔަވައިދެމުންދަނީވެސް ހަމައެކަނި ގްރޭޑް 9، އާއި 10ގެ ދަރިވަރުންނަށް އެކަންޏެވެ. ބާކީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދެމުންދަނީ އޮންލައިންކޮށެވެ. އަދި ރަށުގައި ޤާއިމުވެފައިވާ ގިނަ އޮފީސްތަކުންވެސް ޚިދުމަތް ފޯރުކޮށްދެމުންދަނީ އޮންލައިންކޮށެވެ.