ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައިފައިވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.
މިޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ޝާމިލުކުރުމަށް މަސައްކަތްކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ޤުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް މި ފަހިވެގެން ދިޔަ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ ޢަދަދެއްގެ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ އޭގެ ފައިދާ ލިބިގަތުމެވެ. އަދި، އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީއާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުންދާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، މިއަދު މި ފެށި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ގޮވާލައްވާފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގެނުމަށް އޮތް ފުރުޞަތު ހަނިވުމުގެ ސަބަބުން ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި، ދިވެހީންނަކީ ޤުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުމެވެ. އަދި، ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށްވެސް އެ ޤައުމުތަކުގައި ތިބެ ޤިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޤުރުއާން ކިޔަވައިދީ އުނގަންނައިދިނުމަކީ އެންމެ މާތް އެއް އަޅުކަންކަމަށާއި، ޤުރުއާން ކިޔަވާ މީހާއަށް ލިބޭ ޘަވާބާއި ދަރުމަ އެ ޤުރުއާން އުނގަންނައިދޭ ފަރާތަށްވެސް އެއްވެސް އުނިކަމެއް ނެތި ލިބިގެންދާނެކަމަށެވެ. ހަމައެހެންމެ ބެލެނިވެރިންނަށްވެސް މި ޕްރޮގްރާމް ކުރިއަށްއޮތް ދުވަސްތަކުގައި ފެށިގެން ދިއުމަކީ މިނިސްޓަރގެ ވަރަށް ބޮޑު އުއްމީދެއްކަމުގައި ވިދާޅުވަމުން، މިފަދަ ކަންކަމަށް ސަރުކާރުން ދެއްވަމުންދާ އެއްބާރުލުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ނައިބު ރައީސް ފައިޞަލް ނަސީމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ޕްރޮގްރާމް ފުރަތަމަ ފެށިގެން ދާނީ މެލޭޝިޔާ އާއި ސްރީލަންކާ އާއި އިންޑިޔާގައި އުޅޭ ދިވެހިންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވުމަށް ރެޖިސްޓަރީކޮށްފައި މީހުންނާ އެކުގައެވެ.
އެގޮތުން މެލޭޝިޔާ އިން 66 ބައިވެރިން، ސްރީލަންކާއިން 25 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރުގެ ކްލާސްތަކުގައި މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން ކިޔަވަމުންދާ ކަމަށާއި، ބައިވެރިންނަށް ފަސޭހަ ވަގުތުތައް ބަލާ އިތުރު ކްލާސްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްރޮގްރާމު ހިންގާނީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ޤާއިމުކޮށްފައިވާ ދިވެހިސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުންނެވެ. އެގޮތުން ބައިވެރިން ހޯދުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ޢާއްމުކޮށް އިޢުލާނު ކުރެވޭނެއެވެ. އަދި މިކަމަށް އެދޭ ދަރިވަރުންގެ ފެންވަރު ދެނެގަތުމަށް ޓެސްޓް ކުރެވޭނެއެވެ. އަދި ފެންވަރަށް ބަލައި އެދަރިވަރަކާއި އެންމެ އެކަށީގެންވާ ކުލާހަކުން ފުރުޞަތު ދެވޭނެއެވެ.
* އަކުރު ކްލާސް: މި ކުލާހުގައި ތިބޭނީ އަކުރު ކިޔަން ނޭނގޭ ދަރިވަރުންނެވެ. ކްލާހެއްގައި އެންމެ ގިނަވެގެން ތިބޭނީ 20 ބައިވެރިންނެވެ. މި ކްލާސް ކުރިއަށްދާނީ 10 ހަފްތާގެ މުއްދަތަކަށެވެ.
* ފިލި ކުލާސް: މި ކުލާހުގައި ތިބޭނީ އަކުރު ކިޔަން އެގޭ ނަމަވެސް ފިލި ޖަހައިގެން ކިޔަން ނޭނގޭ ދަރިވަރުންނެވެ. ކްލާހެއްގައި އެންމެ ގިނަވެގެން ތިބޭނީ 20 ބައިވެރިންނެވެ. މި ކްލާސް ކުރިއަށްދާނީ 10 ހަފްތާގެ މުއްދަތަކަށެވެ.
* ކަލިމަ ކުލާސް: އަކުރާއި ފިލި އެނގި ކަލިމަ ކިޔަން ނޭންގޭނަމަ ފުރުޞަތު ދެވޭނެއެވެ. މި ކްލާސް ނިމޭއިރު ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ބަލައިގެން ކިޔަވަން އެނގޭނެއެވެ. މި ކްލާސް ކުރިއަށްދާނީ 15 ހަފްތާގެ މުއްދަތަކަށެވެ.
މިއިން ކޮންމެ ކްލާހެއްގައިވެސް ހަފްތާއަކު 5 ގަޑި ނަގާނެއެވެ. އަދި ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ގޫގުލްމީޓް މެދުވެރިކޮށް ވަރޗުއަލްކޮށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރުގެ އިތުރުން މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް ޢަލީއާއި، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު އަސްލަމް ޝާކިރާއި، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޙުސައިން ނިޔާޒް ވަނީ ވާހަކަފުޅުދައްކަވާފައެވެ.