ކޯވިޑް-19

ކޯވިޑް-19 : ދުނިޔޭގެ ޙާލަތު ގޯހުން ގޯހަށް، ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވެއްޖެ


މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ދާދި އެއް މަންޒަރުތަކެކެވެ. އިވިގެންދަނީ ދާދި އެއްކަހަލަ އަޑުތަކެކެވެ. އެއީ ކޯވިޑް-19 އިން އަރައިނުގަނެވިގެން އުޅޭ މަންޒަރުތަކެކެވެ. ގޭގައި ތިބުމަށް ރައްޔިތުންނަށް ގޮވާލާ އިލްތިމާސްކުރަމުންދާ އަޑެވެ.

ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކޯވިޑް-19ގެ ވޭނުގައި މަރުވަމުންދާއިރު، މިވަގުތުވެސް އެތައް ބަޔަކު ދަނީ މި ބަލީގެ ނުރައްކަލާއި ވޭން ތަޙައްމަލު ކުރަމުންނެވެ. ހަމަ ލޮލަށްވެސް ނުފެންނަ ކުޑަ ވައިރަހަކާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް މިކަމުގެ ސަބަބުން އޮތް ނުރައްކާ ވަކި ކުޑައެކޭ ދެންނެވޭކަށް ނެތެވެ. އަދި އެގޮތަށް އަޅުގަނޑުމެން ޤަބޫލުކޮށްގެންވެސް ނުވާނެއެވެ.

މި ބަލި އެންމެ ނުރައްކާ ހާލަތަކަށް ފެތުރިފައިވާ ޤައުމުތައް އެ ހާލަތަށް ގޮސްފައިވަނީ އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ. ކަން ދިމާކުރިގޮތުން މިއަދު ދުނިޔޭގެ ހާލަތަށް ބަލާލާއިރު، މި ބަލީގައި އެންމެ ބިރުވެރި ނާމާން މަންޒަރުތަކެއް ފެނިގެންމިދަނީވެސް އާބާދީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޢުމްރާނީގޮތުން އަދި ވަސީލަތްތަކުގެ ގޮތުންވެސް އެންމެ ކުރިއަރާފާއިވާ ޤައުމުތަކުންނެވެ. ބައެއް ޤައުމުތަކުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި އުއްމީދު ގެއްލޭ ހިސާބަށް ކަންކަންގޮސްފައިވެއެވެ. މީގެ ތެރެއިން ގިނަ ޤައުމުތަކަކީ ދުރާލާ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތެއްގައި ނޭޅުމުގެ ސަބަބުން މިޙާލަތަށް ގޮސްފައިވާ ޤައުމުތަކެކެވެ.

ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، 149 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. އަދި ބަލީގައި މަރުވި މީހުންގެ ޢަދަދު 3 މިލިއަނަށްވުރެ މައްޗަށް މިވަނީ އަރާފައެވެ. ކޯވިޑް-19 އެންމެ ފުރަތަމަ ހަލުވިކަމާއެކު ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގައެވެ. ބައްޔާށް ދެކޮޅަށް އޭރު ވެކްސިނެއްވެސް އަދި ފަރުވާއެއްވެސް ހޯދިފައިނުވިނަމަވެސް، ޗައިނާއިން ވަނީ މި ބަލި ކޮންޓްރޯލްކުރުމުގައި ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް ކޯވިޑްގެ ޙާލަތު ގޯސްވާން ފެށީ، ޗައިނާއިން ބޭރުން ވައިރަސް ފެތުރި، މި ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވި ހިސާބުންނެވެ. އެއާއެކު ޖެހިގެން އައި 2020 ވަނަ އަހަރު ޔޫރަޕްގެ ޤައުމުތަކުގައި މި ބަލި ދިޔައީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ދުނިޔޭގެ ނިސްބަތުންވެސް އެންމެ މުއްސަނދި، އެންމެ ތަނަވަސް، އަދި އެންމެ ފުދުންތެރި ޤައުމުތައް ގިނައީ ޔޫރަޕްގައެވެ. ނަމަވެސް ކޯވިޑް-19ގެ ރާޅާއެކު، އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައިގެންދިޔައެވެ. އޭގެ ތެރޭގައި އިޓަލީވިލާތާއި، ޖަރުމަނުވިލާތާއި، ސްޕެއިންފަދަ ކުރިއަރާފައިވާ ޤައުމުތައްވެސް ހިމެނެއެވެ.

2020 ވަނަ އަހަރު ނިމިގެންދިޔައިރު ބަލީގެ ޙާލަތު އެންމެ ގޯސްކޮށް އޮތީ ދުނިޔޭގެ އެއްބާރުކަމަށްވާ އެމެރިކާގައެވެ. މިހާތަނަށް އެންމެ ގިނަ މީހުންނަށް މި ބަލިޖެހި، ބަލީގައި މަރުވެފައިވަނީވެސް އެމެރިކާގައެވެ. އެ ޤައުމުން 32 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާއިރު، މަރުވި މީހުންގެ ޢަދަދު އުޅެނީ 5 ލައްކަށްވުރެ މަތީގައެވެ. މި ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި އެންމެ ނާކާމިޔާބު އެއް ޤައުމަކީވެސް އެމެރިކާއެވެ. އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. 2021 ވަނަ އަހަރު ފެށިގެން މިހާތަނަށް އައިއިރު، އެންމެ ޙާލަތު ގޯސްކޮށް އޮތީވެސް އިންޑިއާގައެވެ. އެ ޤައުމުގައި މިހާތަނަށް 17.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 2 ލައްކައަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ވަކިން ޚާއްސަކޮށް ފަހަކަށް އައިސް އިންޑިއާގައި ދުވާލެއްގެ މައްޗަށްވެސް ބަލި ޖެހޭ އަދި ބަލީގައި މަރުވާ މީހުންގެ ޢަދަދު ރިކޯޑް މިންވަަރަކަށް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ހަސްފަތާލުތަކުގެ އެނދުތައް ފުރި އޮކްސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގައި ސްޓޭޓުތަކުންދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ. މުޅި ދުނިޔޭގެ ނަޒަރު މިވަގުތު ހުއްޓިފައިއޮތީ އިންޑިއާގެ ޙާލަތާމެދުއެވެ. ބަލި ފެތުރުން ހުއްޓުވުމަށް އެ ޤައުމުގެ ބައެއް ސަރަޙައްދުތައްދަނީ ފުރަބަންދުކުރަމުންނެވެ. ބަލިމަޑުކަމުގެ ކަންކަން ބެލެހެއްޓުމުގައި އަސްކަރިއްޔާއިން އެހީތެރިވުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އަންގައިފައެވެ. އަދި އާންމުންނަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލުތައް ބޭނުންކުރާނެކަމަށް ސަރުކާރުންވަނީ އިޢުލާނުކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން އިންޑިއާއަށް ކުރިމަތިވެފައިވާ ޙާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން އިންޑިއާއަށް ކުރިމަތިވެފައިވާ ޙާލަތު ސިފަކޮށްފައިވަނީ ހިތްފަޅައިގެންދާފަދަ ހިތާމަވެރި ޙާލަތެއްގެ ގޮތުގައެވެ.

ޞިއްޙީ ފަރުވާއަށް އެދި އެތައް ސަތޭކަ ބަޔަކު އާދޭސްކުރަމުންދާއިރު، އެކަށީގެންވާ ފަރުވާ ނުދެވި، އެތައް ބަޔަކު ދުވާލެއްގެ މައްޗަށް އިންޑިއާގައި ދަނީ މަރުވަމުންނެވެ. އަވަށްޓެރި ސްރީ ލަންކާއަށް ބަލާއިރު، ސްރިލަންކާގެ ޙާލަތުވެސް ގޯސްވެ، ބަލީގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އެ ޤައުމުގެ ޞިއްޙީ މާހިރުން ވަނީ ދީފައެވެ. ސްރީ ލަންކާގައި މިހާތަނަށް 103،487 މީހުންނަށް ކޯވިޑް-19 ޖެހި 647 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. އެގޮތުން ދުވާލަކު 800 އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލިޖެހިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ.

މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިނާއެކު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ދުނިޔޭގެ ބައެއް ޤައުމުތަކަށް ލިބިފައިވާއިރު، ފާއިތުވި ހަފުތާތަކުގައި މުޅި ދުނިޔޭގެ ކޯވިޑް-19 ޙާލަތުވެސް ގޯސްވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން ވިދިވިދިގެން ނުވަ ހަފުތާ ވަންދެން ދުނިޔޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. އަދި މި ބަލި އެންމެ ފުރަތަމަ ފެތުރެންފެށި ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދާ އެއްވަރު ޢަދަދަކަށް މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ބަލި ޖެހިފައިވާކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖެއަކީ ވަޞީލަތްތައް މަދު ކުޑަ ޤައުމެކެވެ. އާބާދީ މަދެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށެވެ. ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ގުޅިފައިވަނީ އިމްޕޯޓް އެކްސްޕޯޓާއެވެ. ބޭހާއި، ތެލާއި، މި ނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ގެންނަން މި ޖެހެނީ ރާއްޖޭން ބޭރުންނެވެ. ޢުމްރާނީ ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކަކީ ބޭރުގެ ލޯނު އެހީގައި ހިންގާ މަޝްރޫޢުތަކެކެވެ. އިޤްތިޞާދު މައިގަނޑުގޮތެއްގައި ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ޢާމްދަނީއެއްގެ މައްޗަށެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުންވެސް، ރާއްޖެވެފައިވަނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ނާޒުކު އެއް ޤައުމަށެވެ.

ކަންމިހެން އޮތްއިރު، ދުނިޔޭގެ މަޝްރަޙަށް ވަކި ޚާއްސަކޮށް ދުނިޔޭގެ އިޤްތިޞާދަށް ކިރިޔާވެސް ލޮޅުމެއް އަންނަނަމަ، އެކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުންވެސް ރާއްޖެއަށްކުރާ މިންވަރު ބޮޑެވެ. މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ، މުޅި ދުނިޔެ އެކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ދުނިޔޭގެ އިޤްތިޞާދު މިވަނީ ފަހުގެ ތާރީޚެއްގައި ދަށަށް ގޮސްފައި ނުވާ މިންވަރަށް ދަށަށް ގޮސްފައެވެ. އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން މިވަނީ މަޑުޖެހިފައެވެ. އެތައް ބަޔަކު އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓި، ވަޒީފާތައް ގެއްލި، ސީދާގޮތުންނާއި ނުސީދާގޮތުން އާއްމުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް މިވަނީ ކޮށްފައެވެ. ދުނިޔޭގެ އެންމެ ތަހުޒީބުވެ ކުރިއަރާފައިވާ ޤައުމުތަކާއި، އިޤްތިޞާދީގޮތުން ފުދުންތެރި، ތަނަވަސް ޤައުމުތަކުންވެސް ގޮތްހުސްވެ، މިކަމުން އަރައިގަތުމުގައި އެއް ޤައުމު އަނެއް ޤައުމެއްގެ މަދަދަށް ދަނީ އެދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ 7 މާރޗު 2020 ގައެވެ. ނަމަވެސް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި ފެތުރެން ފެށި ހިސާބުން ސަރުކާރުން ދިޔައީ އާއްމުންގެ ރައްކާތެރިކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. ދޭސީއެއް، ބިދޭސީއެއް މިކަމުގައި ތަފާތުކުރުމެއްނެތިއެވެ. މި ބަލިމަަޑުކަމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވުމުގެ އިތުރުން، މާލީގޮތުންނާއި އިޖްތިމާއީ ގޮތުން އާއްމުންގެ ދިރިއުޅުމަށްކުރާ އަސަރު ވީހާވެސް ކުޑަކުރުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވެކްސިނާއެކު ރާއްޖޭން މި ބަލިން އަރައިގަތުމަށް ކުރެވޭ އުއްމީދު ބޮޑުވެފައިވީނަމަވެސް، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް މިވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ ޢަދަދު 100 އިން މަތީގައި ހުރުމަށްފަހު، މިމަހުގެ 27 ވަނަ ދުވަހު އެ ޢަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅެނީ 4000 އަށްވުރެ މަތީގައެވެ.

ރާއްޖެފަދަ ވަޞީލަތުގެ ގޮތުން ތަނަވަސްކަން ކުޑަ ޤައުމަކަށް މި ޢަދަދުތަކަކީ ކަންބޮޑުވާންޖެހޭފަދަ ޢަދަދުތަކެކެވެ. ވަކިން ޚާއްސަކޮށް ރާއްޖެއާއި އެންމެ ކައިރިން އަވަށްޓެރި އިންޑިއާއާއި ސްރީ ލަންކާގެ ޙާލަތު ގޯސްވެފައިވާއިރު، ރާއްޖެއަށް އޮތް ނުރައްކާ ވަކި ކުޑައެކޭ ދެންނެވޭކަށްނެތެވެ. ދީފައިވާ ލުއިތަކާއެކުވެސް ބަލީގެ ޙާލަތު އިތުރަށް ގޯސްވިޔަނުދީ، މިކަމުން އަރައިގަތުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަން އެބަޖެހެއެވެ. ނޫންނަމަ، މާދަމާ ރާއްޖޭގެ ޙާލަތުވެސް ގޯސްވުމުގެ ފުރުޞަތު އެބައޮތެވެ.