ކުރިއަށް އޮތް ދެތިން ދުވަހުވެސް މިފްކޯއަށް މަސް ކިރަމުންދާނީ ކޮންޓްރޯލްކޮށްގެން ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ރަނގަޅުވުމާއި އެކު، ގަނޑު ކުރެވޭ ރޭޓަށް ވުރެ އިތުރަށް މަސް ލިބެމުންދާތީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުންދަނީ ދޯންޏަކުން 4 ޓަނުގެ ރޭޓުންނެވެ. އޭރު ނިންމީ ބުދަ ދުވަހުގެ ނިޔަލަށް މިގޮތަށް އަމަލު ކުރުމަށެވެ.
އެހެން ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ ކޮންޓްރޯލް އުވާލެވެން އަދި ނެތް ކަމަށް މިފްކޯއިން ހާމަކުރެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ މަސް ދޯނިތައް މިހާރު ހަރަކާތްތެރިވަމުންދަނީ ދެކުނުގައި ކަމަށާއި މިއާއެކު ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާ ކަމަށެެވެ.
އަދި ދޯންޏަކުން 4 ޓަނުގެ މަސް ގަތް ނަމަވެސް މިފްކޯއަށް ގާތްގަނޑަކަށް 400 ޓަނުގެ މަސް ލިބެމުންދާ ކަމަށް އިސްމާޢިލް ވިދާޅުވިއެވެ.
" ގާތްގަނޑަކަށް 100 ވަރަކަށް ދޯނި އެބަ އުޅޭ، އެހެން ވީމަ ކޮންމެ ދޯންޏަކުން 4 ޓަނު ކިރި ނަމަވެސް އެއީ 400 ޓަނުގެ މަސް، ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އެކްސެސްކޮށް މަސް ލިބޭ އެބަ، އެހެން ވީމަ އަދި ކުރިއަށް އޮތް ދެތިން ދުވަހަށް ބަލާފަ ޑިޒިޝަނެއް ނަގަން މި ނިންމީ، އަންނަ ހަފްތާގައި ބަލާނަން މިއަށްވުރެ އިތުރަށް މަސް ގަނެވޭތޯ އަދި ކޮންޓްރޯލް އުވާލެވޭ ނަމަ އެކަންވެސް ކުރާނަން" އިސްމާޢިލް ވިދާޅުވިއެވެ.
އިސްމާޢިލް ވިދާޅުވީ ދިގުލައިގެން ދިޔަ މިފަދަ މަސްވެރިކަމެއް މިފަހުގެ ތާރީޚެއްގައި ތަޖުރިބާކޮށްފައި ނުވާ ކަމަށެވެ.
" 30 ވަރަކަށް ދުވަސް ވެއްޖެ އެއްވާނެއްގައި އެއްވަރަކަށް މަސް ލިބެމުންދާތާ، އަޅުގަނޑުވެސް މިފްކޯގެ ހަޔާތުގައި މިވަރަށް އެކްސްޕީރިއެންސްއެއް ނުކުރަން، ވަރަށް ބޮޑެތި މަސް ބާނާފައި ހުރީވެސް، މަސް ދޯނިފަހަރުތަކުން އެބަހުރި ވަރަށް ރަނގަޅަށް މަސް ބާނާފައި، ބައެއް ބޮޑެތި ދޯނިތަކުން 35 ނޫނީ 40 ޓަނުގެ މަސް ބާނާފައި އެބަހުރި." އިސްމާޢިލް ވިދާޅުވިއެވެ.
އިސްމާޢިލް ވިދާޅުވީ މަސްތައް ބޮޑެތިވުމުން ބްރައިން ފްރީޒްކުރުމަށްވެސް ގިނަ ވަގުތުތަކެއް ނަގާކަމަށެވެ.
ރާއްޖޭގެ ދެކުނުގައި މިވަގުތު މަސްވެރިކަން ރަނގަޅުވެފައިވާއިރު، މިފްކޯއިންދަނީ އެކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމު ކުރެވިފައިވާ އެކުންފުނީގެ ފެސިލިޓީތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދެކުނުން އައްޑޫ ސިޓީގައި ޤާއިމު ކޮށްފައިވާ މިފްކޯ މަސް ޕްލާންޓުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ހުޅުމީދޫ މަސް ޕްލާންޓުގެ ބަނދަރުގެ މަސައްކަތް ނިމުމާއެކު، އެބަނދަރަށް ކެރިއަރ ބޯޓުތައް ވަނުމަށް ދިމާވާ ދަތިތައް ހައްލުވެގެން ދާނެކަމަށް މިފްކޯއިން ބުނެއެވެ.