އަންނަ އަހަރަށް ދައުލަތުން ލަފާކުރާބަޖެޓްތަކުގައި އެކި މިނިސްޓްރީތަކުގެ ދަށުން ޒުވާނުންގެ ކުރިއެރުމަށް ބޮޑުއަދަދެއް ހިމަނާފައިވާއިރު، ބަޖެޓުގައި ނުހިމެނޭ ގިނަ ކަންތައްތަކެއްވެސް ޒުވާނުންގެ ކުރިއެރުމަށް އަންނައަހަރު ކުރެވިގެންދާނެ ކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 2016 ވަނަ އަހަރުގެ ބަޖެޓްގައި ކުޅިވަރާއި ޒުވާނުންގެ ވުޒާރާއަށް ކަނޑައަޅުއްވާފައިވަނީ 378 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަދަދަށްވުރެ ބޮޑުކޮށް އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ބަޖެޓްގައި ޒުވާނުންނަށް ހާއްސަ ޔޫތު ސިޓީ ތަރައްޤީކުރުމުގެ މަޝްރޫޢަށް ބަޖެޓް ކަނޑައަޅާފައިވެއެވެ. އެގޮތުން ޒުވާނުންގެ ސިޓީ ނުވަތަ ހުޅުމާލޭގައި ތަރައްޤީކުރާ ޔޫތް ސިޓީއަށް 521 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު ޒުހޫރު ވިދާޅުވީ ޒުވާނުންނާއި ގުޅޭ ކަންކަމަށް ގިނަ މިނިސްޓްރީތަކުގައި ބަޖެޓް ކުރެވިފައިވާކަމަށެވެ. އެގޮތުން ޒުވާނުންނަށް ހާއްސަ ލޯނު ޕްރޮގްރާމްތަކަށް އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ބަޖެޓްގައި ހިމަނައި، މަތީތަޢުލީމުގެ ފުރުސަތުތަކަށް ތަޢުލީމާއި ބެހޭ ވުޒާރާގެ ބަޖެޓްގައި ބޮޑެތި އަދަދުތަށް ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ބަޖެޓް ކުރެވިފައިވާ އަދަދުތަކަށްވުރެ ގިނައިން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެކަމަށާއި ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ކުރެވޭނީ އެކި އަހަރުތަކުގެ ބަޖެޓްތަކަށް ބަހާލެވިގެންކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އެ އަހަރެއްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ޖުމްލަ ޚަރަދު އެއަހަރެއްގެ ބަޖެޓުގައި ހިމަނަން ކޮންމެހެން ނުޖެހޭކަމަށް ޒުހޫރު ވިދާޅުވިއެވެ. އަދި ތަރައްޤީ އަންނާނީ ހަމައެކަނި ބަޖެޓްގެ ތެރެއިން ކަމަށް ޤަބޫލުކުރާ ޤަބޫލުކުރުން ބަދަލު ކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.