ޕެސިފިކު އޭޝިއާ ޓްރެވަލް އެސޯޝިއޭޝަން (ޕާޓާ)ގެ އެގްޒެކެޓިވް ބޯރޑަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް އިންތިޚާބު ވެވަޑައިގެންފިއެވެ.
ޕާޓާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތަކާއި ޤައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ، އޭޝިއާ ޕެސިފިކުގެ ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތައް ކުރިއަރުވަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
ޕާޓާގެ ވޯޓުލާ މެންބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ ސިއްރު ވޯޓު ކާމިޔާބުކުރައްވައިގެން، ޑރ.މަޢުސޫމް އެގްޒެކެޓިވް ބޯޑަށް އިންތިޚާބު ކޮށްފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުން ފެށިގެން 2 (ދޭއް) އަހަރުގެ ދައުރަކަށެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ގޮތުން ޕާޓާއިން ހިންގަމުން ގެންދާ ޙަރަކާތްތަކުގައި ދިވެހި ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި މަޢުލޫމާތުތައް ދުނިޔެއަށް ހިއްސާކުރުމަށް ބޭއްވޭ ވެބިނަރތައް ފާހަގަކޮށްލެވެއެވެ.
ޕާޓާގެ ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ 32 ޗެޕްޓަރ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭއިރު ޕާޓާ މޯލްޑިވްސް ޗެޕްޓަރގެ ޗެއަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ، ޢަބްދުﷲ ގިޔާސެވެ.
ޕާޓާގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ.މާރިއޯ ހާރޑީގެ ދައުރު މިމަހު ނިމުމުން ދެން ޕާޓާގެ ސިއީއޯއަކަށް ހަމަޖައްސަން ނިންމާފައިވާނީ ލިޒް އޯރޓިގިއުރާ އެވެ. އެކަމަނާއަކީ 1951ވަނައަހަރު ޕާޓާ އުފެދުނީންސުރެ އެޖަމްޢިއްޔާއަށް އައްޔަން ކުރާ ފުރަތަމަ އަންހެން ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
ޕާޓާގެ އެގްޒެކްޓިވް ބޯރޑުގެ މިހާރު ޗެއަރއަކީ ސިންގަޕޫރުގެ އޭސިއާ ޗައިނާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މރ.ސޫންވާ ވޮންގއެވެ.