ޚަބަރު

ނުރައްކާތެރި އެއްވެސް ޤައިދީއަކު ގެއަށް ބަދަލު ނުކުރާނެ - ޢަހުމަދު


ޖަލުތަކުގައި ތިބި ޤައިދީންގެ ތެރެއިން ކޯވިޑަށް ހައިރިސްކު ޤައިދީން ޢާއިލާކައިރިއަށް ގެއަށް ބަދަލު ކުރުމަށް ނިންމާފައި ވީނަމަވެސް ނުރައްކާތެރި ކުށެއްގައި ޖަލަށް ހުކުމްކޮށްފައިވާ އެއްވެސް ޤައިދީއަކު ގެއަށް ބަދަލު ނުކުރާނެކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަޙްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ޖަލުގައިތިބި ޤައިދީންގެ ތެރެއިން ހައިރިސް ގައިދީން ގެއަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާއިރު، އެއިދާރާއިން ދަނީ އޭގެ ތެރެއިން ޢާއިލާކައިރިއަށް ބަދަލުކުރަންޖެހޭ ޙާލަތުގައި ތިބި މީހުންނާއި ބައެއް ޢާއިލާތަކުގެ އަޅާލުން ނުލިބިތިބި މީހުން ދެނެގަނެ އެކަމަށްޓަކައި ކުރަންޖެހޭ އެމަސައްކަތް ކުރަމުންދާކަމަށް އަޙްމަދު ވިދާޅުވިއެވެ. އަދި އާދީއްތަދުވަހު އެފަދަ ޤައިދީން ގެއަށް ބަދަލުކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެއަށް ބަދަލުކުރާ މީހުންގެ ތެރޭގައި ބޮޑަށް ބަލަނީ ދިގުމުއްދަތަށް ބޭސްކާންޖެހޭ މީހުންނާއި ތަފާތު އެކި ބަލިތައް ހުންނަ މީހުންކަމަށެވެ. މީގެއިތުރުންވެސް ހައިރިސްކު ކެޓަގަރީއަށް ފެތޭ މީހުން ދެނެގަނެ އެމީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާ، މީގެ ތެރޭގައިވެސް ނުރައްކާތެރި އެއްވެސް ކުއްވެރިއަކު ހިމެނޭނަމަ އެމީހަކު ގެއަށް ބަދަލު ނުކުރާނެކަމަށް އަޙްމަދު ވިދާޅުވިއެވެ. އެފަދަ މީހުންނަށް ޖަލުގައި ރައްކާތެރިކަމާއިއެކު ގެންގުޅޭނެ ވަސީލަތް މިހާރު ގާއިމް ކުރެވިފައިވާކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.

ގައިދީން ގެތެރެއިން ހައިރިސްކު މީހުން ގެއަށް ބަދަލުކުރި ނަމަވެސް، ކަރެކްޝަނުން އެމީހުން ބަރާބަރަށް މޮނިޓަރ ކުރަމުންދާކަމަށާ، އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ އެމީހަކު ވަގުތުން ޖަލަށް ބަދަލު ކުރެވޭނެކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.

ޖަލުގައި ތިބި ހައިރިސްކް މީހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، 5އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފިޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވަނީ ކޯވިޑް-19އާ ގުޅިގެން ގެއަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ވަގުތީގޮތުން ގެއަށް ބަދަލު ކުރީ ހައިރިސްކު ބޭފުޅަކަށްވާތީއެވެ.

ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ތިބި ޤާއިދީންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަލުތަގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަކޮށްފައެވެ.