ސިއްހަތު

ކެންސަރު ބައްޔަށް ޚާއްސަ ޔުނިޓެއް ޤާއިމްކުރަނީ


ކެންސަރު ބައްޔަށް ޚާއްސަ ޔުނިޓެއް އައި.ޖީ.އެމް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ކެންސަރު ބަލި ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި މިބައްޔަށް ހާއްސަ ޔުނިޓެއް އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ސަރުކާރުގެ މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މެޑިކަލް ޓޫރިޒަމަކީ ވަރަށް މުހިންމުކަމެއްކަމަށާއި މިކަމަށް ހާއްސަކޮށް ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުގައި ޕްރައިވެޓް ރޫމް ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ.ފާއިތުވި އެއަހަރު ސިއްހީ ދާއިރާއިން ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ބަޖެޓުން ތޭވީސް މިލިޔަން ރުފިޔާ ހަރަދުކުރައްވައިގެން އައިޖީއެމް ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދޭން ފަށާފައިވާކަމަށާއި އަދި ފެންވަރު ރަނގަޅު ލެބޯޓްރީއެއްވެސް މިހާރު އެހޮސްޕިޓަލްގައި ހުޅުވާފައިވާކަމަށެވެ. މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތްލިބޭ ބޭސްފިހާރައެއް ހުޅުވިފައިވުމާއި، އަދި ރާއްޖޭގެ ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ހުރިހާ ރަށެއްގައިވެސް މިހާރު ޑޮކްޓަރުން ތިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.