ވިޔަފާރި

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދަށް ބޮޑު ކުރިއެރުމެއް


މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު 19 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާގޮތުން ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ މިންވަރަށް ކުރިއެރުން ލިބުމަށްފަހު އަހަރުގެ ދެވަނަ ކުއާޓަރުގައިވަނީ 20 އިންސައްތަ ދަށަށް ގޮސްފައެވެ. އެކްސްޕޯޓް ކުރާ މިންވަރު ދަށްވި މައިގަނޑު ސަބަބަކީ ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުވުމެވެ.

އެހެން ނަމަވެސް އަހަރުގެ ތިންވަނަ ކުއާޓަރުގައި ޤައުމުތަކުން ބޯޑަރުތައް އަލުން ހުޅުވާލަމުން ދިޔުމާއެކު، ރާއްޖެއިން މަސް ބޭރުކުރާ މިންވަރަށް ކުރިއެރުން ލިބިގެން ދިޔައެވެ. އެގޮތުން އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރާއްޖެއިން މަސް ބޭރުކޮށްފައިވާ މިންވަރު ވަނީ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު 77 އިންސައްތަ އިތުރުވެފައެވެ.

ރާއްޖެއިން މިދިޔަ އަހަރު އެކްސްޕޯޓްކުރި މަހުގެ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަމަހުގެ އަދަދު އިތުރުވުމާއި، ގަނޑުކުރި އަދި ޕްރޮސެސްކޮށްފައި ހުންނަ ރީނދޫ އުރަޙަ ކަންނެލި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު އިތުރުވުމެވެ.

ހުސްވި އަހަރު ރާއްޖެއިން ތާޒާ ކަންނެލި އަދި ދަޅުގައި ބަންދުކޮށްފައި އާއި ޕައުޖުގައި ބަންދުކޮށް ހުންނަ މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައެވެ.

ކޯވިޑް-19އާ ގުޅިގެން އިޤްތިސާދީ ގިނަ ހަރަކާތްތައް ހުއްޓުމަކަށް އައި ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ދިޔައީ ކުރިއަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސްވެރިންނަށް މަހަށް ދެވޭނެ މަގު ސަރުކާރުން ފަހިކޮށްދިނެވެ.