ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ ރަޝިއާ ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހުސްވި އަހަރު ނިމުނު އިރުވެސް އަދި އަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ. އެހެން ނަމަވެސް އިންޑިއާގެ ކޯވިޑުގެ ހާލަތު ގޯސްވެ އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ ދަށަށް ގޮސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 396982 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން 22.4 ފަތުރުވެރިންނަކީ ރަޝިއާ ފަތުރުވެރިންނެވެ. އަދި 21.9 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޔޫކްރެއިންއިންނެވެ. ހަތަރުވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ޖަރުމަންވިލާތްވެފައިވާއިރު ފަސްވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން ރާއްޖެއަށް އަންނަނީ ކަޒަކިސްތާނުންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 396982 ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް 96882 ފަތުރުވެރިން އައިސްފައިވާއިރު، މަރޗުމަހު ރާއްޖެއަށް އައިސްފައިވަނީ 109585 ފަތުރުވެރިންނެވެ. އަދި މި ނިމުނު އޭޕްރީލްމަހު ރާއްޖެއަށް އައިސްފައިވަނީ 91200 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ މޭމަހުގެ ފުރަތަމަ 2 ދުވަސްތެރޭ ރާއްޖެއަށްވަނީ 7212 ފަތުރުވެރިން އައިސްފައެވެ.
މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް ތިންހާހަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.