ޚަބަރު

އަލަށް ލައިސަންސް ދޫކުރުން މެދުކަނޑާލައިފި


އެއްގަމު އުޅަނދު ދުވުމުގެ ލައިސަންސަށް އަލާ އެދޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލީ ކޯވިޑް ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުންކަމަށެވެ. އެގޮތުން އެއްގަމު އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލީ މިއަދުން ފެށިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް ލައިސަންސް ނަގަން އެދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލިނަމަވެސް މުއްދަތު ހަމަވާ ލައިސަންސް އާކޮށްދެމުން ގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީން ދެމުން ގެންދާ އެހެނިހެން ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑްތައް ކޭސްތައް ފެނި ލޮކްޑައުން ކުރުމުން އޭރުވެސް އަލަށް ލައިންސަންސް ދޫކުރުން ހުއްޓާލިއެވެ. އަދި ލޮކްޑައުން ނިމުމުންވެސް ލައިސަންސް ދޫކުރަން ފަށާފައި ނުވާތީ ބައެއް ޒުވާނުން ވަނީ މިނިސްޓްރީ ދޮށަށް އެއްވެ އިހްތިޖާޖުވެސް ކޮށްފައެވެ. އޭގެފަހުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ލައިސަންސް ނެގުމުގެ ހިދުމަތްވަނީ ދޭން ފަށާފައެވެ.

ރާއްޖެ ކޯވިޑްގެ 4 ވަނަ ރާޅަކާއި ކުރިމަތިލާ މި ބައްޔަށް ޕޮޒިޓިވްވާ މީހުން އެއްދަުވަހުން އަނެއް ދުވަހަށް އިތުރުވަމުން އައިސް މި އަދަދު މިވަނީ 600 އިން މައްޗަށް އަރާފައެވެ. އަދި މިއާއި އެކު ސަރުކާރުން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން ސްކޫލްތަކާއި އޮފީސްތައް މިއަދުން ފެށިގެން މިވަނީ ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ދަންވަރު ބާރައިން ފަތިހު ހަތަރަކަށް ކާފިއު ހިންގާ އެއްގަމު އުޅަނދު ފަހަރު ދުއްވުން މިވަނީ މަނާކޮށްފައެވެ.