ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފެށޭނެ ކަމަށް އެމްޓީޑީސީން ހާމަކޮށްފިއެވެ.
ހދ. ނާގޯށީ އަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. 73 ހެކްޓަރުގެ މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީޑީސީން މިހާރުދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ރިސޯޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ރަށުގައި ސާފުކުރަންޖެހޭ ބައެއް ހިސާބުތައް މިހާރު ސާފުކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ އެންމެ އުތުރުން އޮތް ރަށެއް، ގޮންޖެހުންތައް އިންތިހާއަށް އެބަހުރި، އިންވެސްޓަރުން އެންމެ ފުރަތަމަވެސް ބަލަނީ ޓްރާންސްޕޯޓަށް، މާލެއާއި ކައިރިން އެންމެ އަވަހަށް ރަށެއް ލިބޭނީ، އެހެން ނަމަވެސް އެމްޓީޑީސީން ކުރި ބުރަމަަސައްކަތުން އެރަށް ތަރައްޤީކުރަން ފޮރިން އިންވެސްޓަރެއް ހޯދާ، މަސައްކަތް ފަށަން ތައްޔާރުވެފައިވަނީ، އެންމެ ލަސްވެގެން މިއަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތްތައް ފެށޭނެ،" ތަޒްމީލް ވިދާޅުވިއެވެ.
ތަޒްމީޒް ވިދާޅުވީ ނާގޯށީގައި ތަރައްޤީކުރާ ރިސޯޓް ހިމެނިގެންދާނީ ފަތުރުވެރިކަމުގެ އެނދުގެ އަދަދުން ބަލާނަމަ، ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ރިސޯޓްތަކުގެތެރޭގައި ކަމަށެވެ.
" ނާގޯށި ވެގެންދާނީ ދިވެހި ރާއްޖޭގައި، ރިސޯޓް ދާއިރާގައި ރަނގަޅު ފެންވަރުގެ ރިސޯޓެއް ތައްޔާރު ކުރެވި، ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި ރީތި ހައި އެންޑު ރިސޯޓްތަކުގެ ތެރޭގައި، އެންމެ ފަހުން ލިބިފައިވާ މާސްޓަރ ޕްލޭންގައިވާ ގޮތުން މި ރިސޯޓް ތަރައްޤީކުރަން ހަމަޖެހިފައިވަނީ 5 ތަރި އާއި 6 ތަރީގެ ރިސޯޓެއްގެ ގޮތުގައި،" ތަޒްމީލް ވިދާޅުވިއެވެ.
އެމްޓީޑީސީން މިހާރުވެސް ވަނީ 2 ރަށެއް ކުއްޔަށްދީފައެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީ ވުޖޫދަށް އައުމަށްފަހު ސަރުކާރުން އެކުންފުންޏަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ދިން ރަށްތަކުގެ ތެރެއިން ނާގޯއްޓަކީ ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.
ނަމަވެސް މީގެ ކުރިން އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއް ނުވެއެވެ.