ޗައިނާ އޮސްޓްރޭލިއާ ސްޓްރެޓެޖިކް އިކޮނޮމިކް ޑައިލޮގްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަކާތެއް ވަގުތީގޮތުން ނިމުމަކަށް ގެނައުމަށް ޗައިނާއިން ނިންމައިފިއެވެ.
މިއީ ދެޤައުމުގެ ދެމެދުގައި ގުޅުންތައް ގޯސްވީފަހުން ޚާރިޖީ ސިޔާސަތެއް މިގޮތަށް މަޑުޖައްސާލި ފުރަތަމަ ފަހަރެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ އަދި ސޯވިއަޓް ޔޫނިއަންއާއި ދެމެދު އޮތް ސިޔާސީ ހަމަނުޖެހުންތަކާއި އައިޑިއޮލޮޖިކަލް ތަފާތުކުރުންތައް އޮސްޓްރޭލިއާއިން އަދިވެސް ގެންގުޅޭކަމަށް ޗައިނާއިން ތުޙުމަތު ކުރެއެވެ. މިގޮތުން ދާދިފަހުން އޮސްޓްރޭލިއާގެ ކޮމޮންވެލްތު އޮފިޝަލުންތަކެއް ވަނީ ޗައިނާ އަދި އޮސްޓްރޭލިއާއާ ދެމެދު އޮތް އާންމު ބަދަލުކުރުންތަކާއި އެއްބާރުލުމަށް ދަތިކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިކަމުގައި ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރީޕޯރމް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއްކަމެއް ކޮމިޝަނުން ހާމައެއްނުކުރެއެވެ.
ދެ ޤައުމުގެ ގުޅުން ގޯސްވީ އޮސްޓްރޭލިއާގެ 5 ޖީ ނެޓްވޯކުން ޗައިނާގެ ވަރުގަދަ ޓެކްނޮލޮޖީ ބެރޭންޑްކަމަށްވާ ހުވާއީ އުނިކޮށްލި ފުރަތަމަ ޤައުމަކަށް އޮސްޓްރޭލިއާ ވީ ހިސާބުންނެވެ. މި ގުޅުން އިތުރަށް ގޯސްވީ މިދިޔަ އަހަރު ނޮވެލް ކޮރޯނާވައިރަސްގެ އަސްލު ހޯދުމަށް މިނިވަން ތަޙްޤީޤަކަށް އޮސްޓްރޭލިއާއިން ގޮވާލުމުންނެވެ.
އޮސްޓްރޭލިއާއިން ވަނީ ޗައިނާގެ ފްލެގްޝިޕް ފޮރިން ޕޮލިސީގެ އެއްބަސްވުމުގައި އެޤައުމުން ސޮއި ނުކުރާނެކަމަށް ބުނެފައެވެ. މީގެ އިތުރުން މިދިޔަމަހު އެޤައުމުންވަނީ ޗައިނާއާއެކުވެފައިވާ ދެ ބެލްޓް ރޯޑް އެއްބަސްވުންވެސް ކެންސަލްކޮށްފައެވެ.
ރޮއިޓާރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާއިން އަންނަނީ 99 އަހަރަށް ޗައިނާއަށް ދީފައިވާ ބަނދަރެއްގެ ލީސް އެގްރީމެންޓެއް ރިވިއުކުރަމުންނެވެ. މާރިޗާއި ހަމައަށް އޮސްޓްރޭލިއާއިން 115.04 ބިލިއަން ޑޮލަރުގެ މުދާ ޗައިނާއަށް އެކްސްޕޯޓް ކޮށްފައިވާއިރު މިހާރު ޗައިނާއިން ވަނީ އޮސްޓްރޭލިއާގެ އެކްސްޕޯޓް މަނާކޮށްފައެވެ. މީގެތެރޭގައި ބަނގުރާ އަދި ކޯލްވެސް ހިމެނެއެވެ.