"އެއީ ވަރަށް ގިނަައިން ސައިކަލުގައި ދަތުރުކޮށް އުޅޭ މަގެއް. ޖިމް ނިންމާފައި އާއްމުކޮށް ގެއަށް ދަނީވެސް އެމަގުން. އެކަމު އެ ރޭ ކަން ދިމާކުރީ މުޅިން އެހެން ގޮތަކަށް" އެ ޒުވާނާގެ ވާހަކަ ފެށުނީ މިކަހަލަ ގޮތަކަށެވެ.
ކިޔައިދޭން މިއުޅެނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޙާދިސާ ވަރަށް ގާތުން ތަޖުރިބާކުރި ޒުވާނެއްގެ ވާހަކައެވެ. ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ކައިރީ ދިން ޓެރަރިސްޓް ހަމަލާއަކީ، މުޅި ޤައުމަށް ކުއްލި ސިއްހުމަކާއި ހާސްކަމެއް ގެނުވި ހަމަލާއެކެވެ. މި ހަމަލާގެ ތަޙްޤީޤު މިހާރު ފަށައިގެން ކުރިއަށްދާއިރު، މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް ކުރާ މަސައްކަތުގައި ސަލާމަތީ ބާރުތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މި ހަމަލާގެ ތަޙުޤީޤުގެ ތެރެއިން ފުލުހުން ވަނީ ޙާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް އާއްމުކޮށްފައެވެ.
ފުލުހުން އާއްމުކުރި ވީޑިއޯގައި ރައީސް ނަޝީދު، ގެއިން ނިކުމެވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ފަޅިއަށް އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަތުމަށް ހިންގަވާފައިދާ މަންޒަރު ފެނެއެވެ. އަރިހުގައި ބޮޑީގާޑުންވެސް ތިއްބެވެ. އޭގެ އިތުރުން އެމަގުން ބައެއް އާއްމުން ސައިކަލުގައި ދަތުރުކޮށްފައިދާ މަންޒަރާއި، ހިނގާފައިދާ މަންޒަރުވެސް ފެނެއެވެ. ދެން ފެންނަނީ ބޮޑު ދުންގަޑަކާއެކު ބާރުގަދަ ގޮވުމެއްގޮވާ މަންޒަރެވެ. އެކަން ހިނގާދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެ ޙާދިސާ ހިނގުމާއެކު އާއްމުން އެތަން މިތަނަށް ދުވެގަންނަ މަންޒަރުވެސް ވީޑިއޯގައި ފެނިގެންދެއެވެ.
މި ވީޑިއޯއިން އަޅައިގަތް އެހެންކަމެއްވެސް އެބައޮތެވެ. އެއީ ފެހިކުލައިގެ ބެކްޕެކެއް އަޅުވައިގެން ސައިކަލެއްގައި ހަމައެމަގުން ދަތުރުކުރި ޒުވާނަކު، ޙާދިސާ ހިނގުމާއެކު، އޭނާ ލައިގެން ހުރި ޓީޝާޓު ބަލާ، މަގުމަތީގައި ޒަޙަމްވެފައި އޮތް މީހަކަށް އެހީވާ މަންޒަރެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ އާއްމުކުރުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ ހުއްޓިފައެވެ.
އެއީ މާލެއަށް އުފަން އުމުރުން 26 އަހަރުގެ ޒުވާނެކެވެ. ވަޒީފާ އަދާކުރަނީ އަމިއްލަ ކުންފުންޏެއްގައި އޮޕަރޭޝަން އެސިސްޓެންޓެއްގެ ގޮތުގައެވެ. އޭނާ ވަނީ އެރޭގެ އެ ޙާދިސާ އޭނާ ތަޖުރިބާކުރެވުނުގޮތް ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
އެ ޒުވާނާ ކިޔައިދިންގޮތުގައި އޭނާ މަސައްކަތްކުރާ ކުންފުނީގެ ފިހާރައެއް އަލިކިލޭގެފާނުމަގުގައި ހުންނާތީއާވެސް އެކު ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ހުންނަ މަގަކީ އޭނާ އާއްމުކޮށްވެސް ގޮޮސް އުޅޭ ހިސާބެކެވެ. ރޭގަނޑު 8 އަކާއި 9 އަކާ ދެމެދު އެއީ އޭނާ އާއްމުކޮށް ޖިމަށްދާ ވަގުތެވެ. ނަމަވެސް 6 ވަނަ ދުވަހުގެ ރެއަކީ މާލޭ ސަރަޙައްދުގައި ރޭގަނޑު 9 އިން ފަތިހު 4 އަކަށް ކާފިއު އިޢުލާން ކުރުމަށް ހަމަޖެހިފައިވާ ރެއަށްވެފައި، އެރޭ 9 ޖަހާއިރު ޑިއުޓީއަށްވެސް އޭނާ ދާންޖެހެއެވެ. އެހެންކަމުން ޖިމްގަޑި 7 އަކަށް ބަދަލުކޮށްލީއެވެ. ޖިމް ނިންމާފައި، ފިހާރަށް ބޭނުންވާ ބައެއް ސާމާނު ލައިދިނުމަށްފަހު އާދައިގެ މަތިން އެރޭވެސް ގެއަށްދާން އޭނާ ޚިޔާރުކުރީ ހަމަ އެމަގެވެ. އަވަހަށް ގެއަށްދެވޭނެކަމުގެ އުއްމީދުގައެވެ.
ނަމަވެސް ދެން ކުރިމަތިވީ، އޭނާ އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރިކަހަލަ ކަމަކާނޫނެވެ. ބާރުގަދަ އަޑުފަށްގަނޑަކާއެކު މުޅި މީހާއަށް ގެނުވީ ކުއްލި ސިހުމެކެވެ. ލިބުނީ ބޮޑު ޝޮކެކެވެ.
"ފުރަތަމަވެސް ބާރުގަދަ އަޑުފަށްގަނޑަކާއެކު އެއްޗެއް ގޮވީ. މުޅި ސަރަހައްދަށް ދުންތައް ފެތުރިގެންދިޔަ. ކަންފަތްވެސް ބައްވި. ލިބުނު ޝޮކާއެކު އިރުކޮޅެއްވަންދެން ސައިކަލުމަތީ، ފާޑަކަށް ގަބުވެފައި އިނދެވުން ދެން ވާންވީގޮތެއް ނޭނގިފައި" އެ ޒުވާނާ ކިޔައިދިނެވެ.
ރައީސް ނަޝީދަށް ޙަމަލާދޭން ބޮންގޮއްވާލި މަންޒަފު ފެންނަ ސީސީޓީވީ ފްޓޭޖު pic.twitter.com/WHJuo7xLxx
— PSM News (@psmnewsmv) May 8, 2021
އެ ޒުވާނާ ބުނިގޮތުގައި އޭނާ ދުއްވަންއިން ސައިކަލުގެ ކުރީގައި އިތުރު ސައިކަލެއްގައި މީހަކު އިނުމާއިއެކު، ގޮވުން ގޮވި ހިސާބުން ރައީސް ނަޝީދު ވެއްޓިވަޑައިގެން މަންޒަރެއް އޭނާއަކަށް މާ ސާފުކޮށެއް ނުފެނެއެވެ. ނަމަވެސް ވަރަށް ބާރަށް މީހަކު ހަޅޭއްލަވައިގަތް އަޑު އިވުންކަމަށް އޭނާ ބުންޏެވެ.
"ބޯދުންތަކަކާއެކު އެއްޗެހިތަކެއް ބުރައިގެންދިޔަ. ނަސީބަކުން އަޅުގަނޑާއި، އަޅުގަނޑުގެ ކުރީގައި ސައިކަލުގައި އިން މީހާއަކަށް އެއްވެސް އަނިޔާއެއްނުވޭ. އޭރު މުޅި ސަރަޙައްދުގައި އޮތީ ސާފުތެޔޮ ވަސްގަނޑު ހިފާފައި. ބޮލަށްވެސް އެނބުރުން އަރާކަހަލަ ގޮތެއް" ޙާދިސާ ހިނގި ވަގުތުގެ މަންޒަރުތައް އެ ޒުވާނާ ސިފަކޮށްދިނީ ބިރުވެރި ނާމާން ވަގުތުކޮޅެއްގެ ގޮތުގައެވެ.
އެކަން ހިނގާދިޔައީ ވަރަށްވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ލިބުނު ޝޮކާއެކު ހިނދުކޮޅަަކަށް ހުއްޓުން އަރާފައި ހުރެވުންނަމަވެސް އެ ސަރަހައްދުން ދިޔަ ދިވެއްސެއްގެ ފައި ކަނޑައިގެންގޮަސް ވަރަށް ބައިވަރު ލޭ ފައިބަމުންދިޔަ މަންޒަރު އެ ޒުވާނާ ލޮލުގައި އަޅައިގަތެވެ. ލަހެއްފަހެއްނުވެ، ކޮނޑުގައި އަޅާފައިއޮތް ބެކްޕެކް އެއްލާލުމަށްފަހު އޭނާ އަވަސްވީ ޒަޙަމްވި މީހާއަށް އެހީވުމަށެވެ. ލައިގެން ހުރި ޓީޝާޓް ބާލާ، ޒަޙަމްވެފައިވާ މީހާގެ ފައިގައި އޮޅައިދޭ މަންޒަރު ފުލުހުން އާއްމުކުރި ވީޑިއޯއިން ވަރަށް ސާފުކޮށްފެނިގެންދިޔައެވެ.
"އެ މީހާގެ ފައިގެ ގާތްގަނޑަކަށް 3 އިންޗިވަރު ކަނޑައިގެންގޮސް ހޯސްލާފަ ލޭ ފައިބަމުންދިޔަ. އަޅުގަނޑު ބެލީ އަވަހަށް ލޭ މަނާކޮށްދެވޭތޯ. އޭރުވެސް މީހާ ބޮލަށް ބަރުވެފައި ހުރި. މީހަކު އައިސް އެހި އޯކޭތޯ، ހޮސްޕިޓަލަށް ދާންވީނޫންހޭ. އަޅުގަނޑު ބުނިން އަދި ހުރެވޭނެއޭ، ޒަހަމްވި މީހާ އިހަށް ހޮސްޕިޓަލަށް ގެންދެވޭތޯ ބަލަށޭ" ޒުވާނާ ބުންޏެވެ.
ޙާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް އެ ސަރަޙައްދަ ޕެރެމެޑިކް ޓީމު ދިޔަކަމަށް އެ ޒުވާނާ ބުންޏެވެ. އަދި 10 ވަރަކަށް މިނެޓްތެރޭ ފުލުހުންނާއި ސިފައިން އެ ސަރަޙައްދަށްގޮސް ހަރަކާތްތެރިވާން ފެށިކަމަށް އޭނާ ބުންޏެވެ. އަމިއްލައަށް ސައިކަލުގައި ގެއަށްދާނެހާ ވަރުގައިގައި ނެތުމުން، އެކުގައި މަަސައްކަތްކުރާ މީހަކަށް ގުޅުމަށްފަހު ގެއަށްލައިދޭން އޭނާ އެދުނެވެ. އަދި އޭނާއަށް ގެއަށް ދެވުނީ އެރޭ 9 ޖަހަން ކައިރިވެފައިވަނިކޮށްކަމަށްވެސް އޭނާ ބުންޏެވެ.
އުމުރުން 26 އަހަރުގެ އެ ޒުވާނާއަކީ މީގެކުރިން ރިސޯޓެއްގައި ސާރފްގައިޑެއްގެ ގޮތުގައިވެސް 3 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ، ފަސްޓް އެއިޑް ޓްރޭނިންގތައް ފުރިހަމަކޮށްފައިވާ ޒުވާނެކެވެ. އެހެންކަމުން މީހުންނަށް ޒަޙަމްވެގެން ފަރުވާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއަށް މާ އައުކަމެއްނޫނެވެ. ނަމަވެސް އެރޭގެ ތަޖުރިބާ އޭނާއަށް މުޅިން ތަފާތެވެ.
"ސާރފްގައިޑް ކުރިއިރުވެސް މިކަހަލަ މަންޒަރެއް ނުފެނޭ. މިއީ ޓޯޓަލީ މުޅިން އައު މަންޒަރެއް. އަލަށް މިކަހަލަ ކަމެއް ތަޖުރިބާ މިކުރީ މިހާ ކައިރިން. ވަރަށް ހާސްވި. އެކަމަކު މީހަކަށް ޒަޙަމްވެފައިވާކަން އެނގިހުރެ އެހީވުމަކީ ދެރައެއް ލިބޭނެ ކަމެއްނޫން" އެ ޒުވާނާ ކިޔައިދިނެވެ.
އެކަހަލަ ވަގުތެއްގައި އެހެން މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވުރެ، އަމިއްލަ ރައްކާތެރިކަން ހޯދަން މަސައްކަތް ކުރުމަކީ އިންސާނީ ޠައްބިޔަތެވެ. ގިނަ މީހުންނަށް އެކަހަލަ ދަނޑިވަޅެއްގައި އެހެން މީހަކަށް އެހީތެރިވުމަކީ އެހާ ކުރަން ފަސޭހަކަމެއްނޫނެވެ. އެންމެ ފުރަތަމަވެސް ބަލާނީ އަމިއްލަ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. ނޫނީ ދުރުގައި ބަލަން ހުރެވޭނީއެވެ. ނަމަވެސް މި ޒުވާނާ މިވަނީ ބިރުވެރި އެވަގުތުކޮޅުގެ ތެރޭގައިވެސް، އަމިއްލަ ފުރާނައަށް ބެލުމެއްނެތި އަނެކާއަށް އެހީތެރިވެދީފައެވެ. މިއީ މުޅި އިންސާނިއްޔަތަށް އޭނާ ދައްކުވައިދިން ރީތި މިސާލެކެވެ.