2013 ވަނަ އަހަރުއްސުރެ މަޑުޖެހިފައިވާ އީޔޫ އަދި އިންޑިއާގެ ފްރީ ޓްރޭޑްގެ ވާހަކަތައް އަނެއްކާވެސް ފެށުމަށް އެއްބަސްވެއްޖެއެވެ.
ފްރީ ޓްރޭޑާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ވާރޗުއަލް ސަމިޓެއްގައި މަޝްވަރާތައް ކުރުމަށް ވަނީ ނިންމާފައެވެ.
އިންޑިއާގައި ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމާހެދި ހިޔަނި އެޅިފައިވާ މި މަޝްވަރާތައް 8 އަހަރަށްފަހު އީޔޫގެ 27 ލީޑަރުންނާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހޮނިހިރު ދުވަހުފަށާފައެވެ. މީގެ ކުރިން ދެ ފަރާތުން ބާއްވާފައިވާ ހުރިހާ ބައްދަލުވުންތަކެއްގައިވެސް ބައިވެރިވެފައިވަނީ ހަމައެކަނި އިންޑިއާގެ ބޮޑުވަޒީރާއި އީޔޫގެ ޗީފް އެކްޒެކެޓިވް އަދި ޗެއަރމަންއެވެ.
މަޝްވަރާތަކަށްފަހު ދެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ މިހާރު ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ވިޔަފާރީގެ އެއްބަސްވުމެއް ވެފައިވާކަމަށެވެ. ވާހަކަތަކަށް ޙައްލު ހޯދޭނީ ދެފަރާތުންވެސް މާކެޓަށްހުރި ހުރަސްތައް ނައްތަލާއިގެންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އީޔޫ އަދި އިންޑިއާއިން ވަނީ އިންވެސްޓްމެންޓް ޕްރޮޓެކްޝަނާއި ބެހޭގޮތުން ބައްދަލުވުމުގެ ހަވާސާގައި ވަކިން މަޝްވަރާތައް ކޮށްފައެވެ.
އީޔޫ އަދި އިންޑިއާ ދެމެދުގައި ގާތްގުޅުމެއް އޮތް ކަމުގައިވީނަމަވެސް އެއްބަސްނުވެވޭ ކަންތައްތަކެއް އެބަހުރިކަމަށް ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްޠިޞާދީ އާރާސްތުކަމާއި ރައްކާތެރިކަން ޔަޤީންކުރުމުގައި އިޔޫ އަދި އިންޑިއާއަކީ އެއް ވިސްނުމެއް ގެންގުޅޭނެ ބަޔަކަށްވުމަށްވެސް އެއްބަސްވެވުނުކަމަށް ބަޔާނުގައިވެއެވެ.
ޓޭރިފް މަދުކުރުމާއި، ޕޭޓެންޓް ރައްކާތެރިކުރުމާއި ޑޭޓާ ސެކިއުރިޓީ އަދި އިންޑިއާގެ މާހިރުން ޔޫރަޕްގައި މަސައްކަތްކުރުމުގެ ޙައްޤާއި ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އިޔޫއާއި އިންޑިއާއި ދެމެދު ދެކެވިފައިވާ ވިޔަފާރީގެ ވާހަކަތައް 2013 ވަނައަހަރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.