ވިޔަފާރި

އަންދާޒާކުރިވަރަށް ވުރެ އާމްދަނީ އެތައް ގުނަ އިތުރު


މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %82.6 އާމްދަނީ އިތުރަށް ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކޮށްފިއެވެ. އިދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.41 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދަކީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %173.8 އިތުރު އަދަދެކެވެ.


އެޕްރީލްމަހު ޓީ.ޖީ.އެސް.ޓީ، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ވިދާޅުވެއެވެ،

މީގެ އިތުރުން، ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް މި މަހުގެ ތެރޭގައި ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކުރެއެވެ. އަދި މި އަދަދު އެޕްރީލް މަހު ލިބިފައިވާ އާމްދަނީގެ %20 ހިއްސާކުރާކަމަށް މީރާއިން ވިދާޅުވެއެވެ. އާމްދަނީ އިތުރުވި އަނެއް ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރައްވާފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިިދިޔަ އަހަރުގެ އޭޕްރިލްމަހު ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުން އެމަހު ޓްއަރިޒަމް ދާއިރާއިން ލިބުނު ޢާމްދަނީ ދަށްވެފައި އޮތުމަށްފަހު އެ މުއްދަތާ އަޅައި ބަލައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. މިދިޔަ މަހުގެ ލިބުނު އާމްދަނީގެ %60.1 އަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ 849.61 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ޖުމްލަ އާމްދަނީގެ %9.8އެވެ. އެއީ 139.12 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ (%6.8)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ (%5.3)، ބީ.ޕީ.ޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ (%2.8) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 214.56 މިލިއަން ރުފިޔާ (%15.2) ހިމެނެއެވެ.

މިދިޔަމަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.