ޖަޕާނުގެ މަލްޓިނޭޝަނަލް ކުންފުނި ޕެނެސޮނިކުގެ ފައިދާ މިއަހަރު ގާތްގަޑަކަށް ތިން ގުނައަށް އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކޮށްފިއެވެ. ކޯވިޑް-19ގެ ޙާލަތުގައި އޮތް ފުރަބަންދަށްފަހު އިޤްޠިޞާދު ރަގަޅުވާން ފަށާފައިވާ މި ދަނޑިވަޅުގައި ޓެސްލާއިން ބޭނުންކުރާ އޮޓޯމޭޓިވް ބެޓްރީއާއި އެހެނިހެން އާލާތްތަކުގެ ޑިމާންޑްވަނީ ރަގަޅުވާން ފަށާފައިކަމުގައި އެކުންފުނިން ބުނެއެވެ.
ބައިސްކަލާއި ހެއަރ ޑްރަޔަރ ފަދަ އިލެކްޓްރޯނިކް އެތައް އާލާތެއް އުފައްދާ ޕެނެސޮނިކުންވަނީ ޕާރޓްނަރޝިޕް ހަދާފައިވާ ޓެސްލާ ކުންފުނި މެދުވެރިކޮށް އެމެރިކާއާއި ޗައިނާފަދަ ޤައުމުތަކުގައި އިލެކްޓްރިކް ކާރު ބެޓްރީގެ ޑިމާންޑް ހޯދަންފަށާފައެވެ.
ކުންފުނީގެ ސިއީއޯ ވިދާޅުވަނީ އެމީހުން އުންމީދުކުރަނީ އޮޕަރޭޓިންގ ފައިދާގެ ގޮތުގައި 50 މިލިއަން ޔެން މިއަހަރު ލިބޭނެކަމަށެވެ. މުޅި ޖުމްލަ ފައިދާ %27.6އަށް އިތުރުވާނެކަމުގައިވެސް ލަފާކުރެއެވެ. ޕެނެސޮނިކުންވަނީ ބޮޑެތި ބެޓްރީ ސެލް އުފެއްދުމަށް މިއަހަރު ޖަޕާންގައި ޓެސްޓްތަކެއްހެދުމަށްވެސް ތައްޔާރުވަމުންނެވެ. ފުޅާމިނުގައި 46 މިލިމީޓަރު އަދި ދިގުމިނުގައި 80 މިލިމީޓަރު ހުންނާނެ މި ފޯމެޓްގައި މާބޮޑަށް ހަކަތަ ސަލާމަތްކޮށްދޭނެކަމުގައި ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ކުންފުނީގެ އުފެއްދުން އިތުރުކުރުމަށްޓަކައި ޕްރޮޑަކްޝަން ޗެއިން މެނޭޖްމަންޓްގެ ޚިދުމަތްތަކަށް އިންވެސްޓްކުރަންވެސްވަނީ ފަށާފައެވެ. މިގޮތުން އެމެރިކާގެ ސަޕްލައި ޗެއިން ސޮފްޓްވެއަރ ކުންފުންޏެއްކަމަށްވާ ބްލޫ ޔޮންޑަރއިން ޙިއްޞާގަތުމަށް މިދިޔަމަހު ކުންފުނިންވަނީ ނިންމާފައެވެ.