އެމެރިކާގެ މާސްކް އުފައްދާ ކުންފުނިތަކުގައި މިލިއަނުން ގުނާލެވޭހާ މާސްކް ނުވިކި ހުރުމުގެ ސަބަބުން މިކަމަށް އެހީތެރިވެއްދެވުމަށް އެދި ކުންފުނިތަކުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަރިހުން އެދިއްޖެއެވެ. ޗައިނާއިން ނުއަގުގައި މާސްކު އުފައްދާ ވިއްކަމުން ދިއުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
26 ކުންފުންޏެއްގެ ވެރިން އެކުވެގެން އުފައްދާފައިވާ އެމެރިކަން މާސްކު މެނިފެކްޗަރަސް އެސޯސިއޭޝަނުން ރައީސް ބައިޑަންއަށް ފޮނުވި ސިޓީއެއްގައިވަނީ އެމެރިކާގެ ކުންފުނިތަކުގެ މަސައްކަތްތަކަށާއި ބަލިމަޑުކަމަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތަކަށް ބިރުދައްކާ ބޭރުގެ ޤައުމުތަކުން އުޞޫލުތަކާއި ޚިލާފަށް ކުރާ ވިޔަފާރިތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. އަދި މކަމަށް 60 ދުވަސް ތެރޭގައި އެމީހުންނަށް އެހީތެރިކަން ނުލިބިއްޖެނަމަ 1000 ށް ވުރެ ގިނަ ވަޒީފާތަކަށް ބުރޫއަރާނެ ކަމަށްވެސް ސިޓީގައިވެއެވެ.
މިއެސޯސިއޭޝަނުން ބުނާގޮތުގައި އަހަރެއްގެ މައްޗަށް އެއްބިލއަނަށްވުރެ ގިނަ ހައި ޕްރޮޓެކްޝަން އެން، 95 މާސްކާއި 3.7 ބިލިއަމް ސާރޖިކަލް މާސްކު އެމީހުންނަށް އުފެއްދިދާނެއެވެ. ނަމަވެސް މިހާރު މިވަނީ 260 މިލިއަން ސާރޖިކަލް މާސްކު ނުވިކި ގުދަންކޮށްފައި ބަހައްޓަން ޖެހިފައި ކަމަށް އެމީހުން ބުނެއެވެ. މާސްކު އުފައްދާ މިންވަރު ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުވަނީ މާސްކުގެ އަގު ބޮޑުވެފައެވެ. ނަމަވެސް މިހާރު މާކެޓްގައި އުފައްދާ މިންވަރު އިތުރުވުމުގެ ސަބަބުން މީހުން ބޭނުންކުރަމުންދަނީ އެންމެ އަގުހެޔޮ މާސްކެވެ.
މާސްކް ހަދަން އިމްޕޯރޓްކުރާ ރޯމެޓީރިއަލްގެ އަގު 3 ނުވަތަ 6 ސެންޓަށް ލިބޭއިރު ޗައިނާއިން ދަނީ މާސްކެއް އެންމެ ސެންޓަކަށް ވިއްކަމުންނެވެ. މިކަން މިގޮތަށް ކުރިއަށްދާނަމަ، 60 ދުވަހުގެ ތެރޭގައި 54 އިންސައްތައިގެ އުފެއްދުން ނެތިދާނެކަމަށާއި 84.6 އިންސައްތައިގެ އުފެއްދުން އަހަރަކަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނެތިދާނެ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެއެސޯސިއޭޝަނުން ވަނީ މިދިޔަ އަހަރު 7800 ވަޒީފާ އެމެރިކާގައި އުފައްދާފައިކަމާއި ނަމަވެސް އުފެއްދުންތައް ދަށްވުމުގެ ސަބަބުން އޭގެ ތިންބައިކުޅަ އެއްބައި މީހުންގެ ވަޒީފާ މިހާރު ގެއްލިފައިވާ ކަމަށްވެސް ބައިޑަންއަށް ފޮނުއްވި ސިޓީގައިވެއެވެ.
ބައިޑަންގެ ސަރުކާރުންވަނީ އެމީހުންނަށް އެހީވެދޭނެކަމަށް ބުނެފައެވެ. އަދި އެހީގެ ގޮތުގައި ކުންފުނިތަކަށް ސަބްސިޑީޒް ދެވޭނެ ގޮތްތައްވެސް ހޯދައިދޭނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.