ވިޔަފާރި

ޓޫރިސްޓް ވިސާ ދޫކުރުމުގައި އަޅާފައިވާ ފިޔަވަޅަށް އަންނަމަހު ލުޔެއް ދެވޭނެ ކަމުގެ އުއްމީދު ބޮޑު


ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން މެދުކަނޑާލާފައި އޮތް އޮތުމަށް އަންނަ މަހުގެ ކުރީކޮޅު ލުއި ދެވޭނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިމަހުގެ ފަހުކޮޅު ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުމާއި ގުޅޭ ކަންތައްތައް ރިވިއު ކުރާނެ ކަމަށެވެ. އަދި ހާލަތަށް ބަލައި ލުއި ދެވޭނެކަމަށް އުއްމީދު ކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދެކުނުގެ އޭޝިއާގެ ޤައުމުތަކުގައި ހަލުވިކަމާާއިއެކު ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދިޔުމާއި ގުޅިގެން އެ ސަރަޙައްދުގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ޙާލަތެއްގައި އޮތީ އިންޑިއާއެވެ. އަދި ބަންގްލަދޭޝާއި ޕާކިސްތާނާއި ނޭޕާލްގެ އިތުރުން ސްރީލަންކާއާއި އަފްޣާނިސްތާނުގެ ޙާލަތުވެސް ދަނީ ގޯސްވަމުންނެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލްމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުއްޓުމަކަށް އައުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ޖުމްލަ އަދަދަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ.

އެގޮތުން ކުރިން ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 3000 އެއްހާ ފަތުރުވެރިން އަންނަމުން ދިޔަ ނަމަވެސް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަނީ 2000 އެއްހާ ފަތުރުވެރިންނެވެ.

އިންޑިއާގެ ކޯވިޑް ހާލަތަށް ބަލާއިރު 27 ދުވަހަށްފަހު ދުވާލެއްގެ މައްޗަށް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ 3 ލައްކައަށް ވުރެ ދައްވެފައެވެ. އެގޮތުން މިމަހުގެ 17 ވަަނަ ދުވަހު އިންޑިއާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް އަލަށް ޕޮޒިޓިވްވެފައި ވަނީ 281386 މީހުންނެވެ.