ޚަބަރު

ކޯވިޑް-19 : ފިޔަވަޅުތަކާ ޚިލާފުވި 400އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 400އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ. އޭގެ ތެރެއިން ގިނައީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމަނާކުރި މީހުންނެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި މާސްކު ނާޅައިގެން 159މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 252މީހަކު ޖޫރިމަނާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 4 ތަނެއްވެސް ޖޫރިމަނާކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެޗް.ޕީ.އޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެތަންތަނުގައި ތަންފީޒުކުރަމުންދާ މިންވަރު ދޭތެރެ ދޭތެރެއިން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޙާލަތު އަނެއްކާވެސް ގޯސްވުމާގުޅިގެން، ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތައްފަދަ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެފަދަ 32 ތަނެއް އިންސްޕެކްޓްކޮށްފައި ވާކަމަށާ، އެ ހުރިހާތަނެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައިވަނީ މިމަހުގެ 5ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިމަހުގެ 6ވަނަ ދުވަހު ވަނީ ކާފިއު އިޢުލާންކޮށް، ރޭގަނޑު 09:00އިން ފަތިހު 04:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކޮށްފައެވެ.

އެހެންނަމަވެސް މާލޭ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވުމާގުޅިގެން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 04:00އިން ފަތިހު 4:00އާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.