ޚަބަރު

ލަންކާ ބޯޑަރުތައްް ބަންދު، ދިވެހިން ސަމާލުވޭ


ހަލުވިކަމާއި އެކު ކޯވިޑް ފެތިރެމުންދާތީ ލަންކާގެ ބޯޑަރުތައް ބަންދުކޮށްފިއެވެ. އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިރޭ ދަންވަރު ބާރައިން ފެށިގެން މިމަހުގެ ނިޔަލަށެވެ.

ކޯވިޑްގެ ބަލިމަޑުކަން ބޮޑުވެ ލަންކާއިންވެސް ވަނީ އެޤައުމުން މިހާތަނަށް ދީފައިވާ ލުއިތައް އަނެއްކާވެސް ހަރުކަށިކޮށްފައެވެ. މިގޮތުން ވެކްސިން ޖެހިތާ 14 ދުވަސްވީ މީހުން އެޤައުމަށް އެތެރެވެވޭ ގޮތަށް ގެނައި ބަދަލުވެސް އުވާލާ ހުރިހާ ބޯޑަރުތަކެއް މިވަނީ ބަންދުކޮށްފައެވެ. މި ބަދަލާއި އެކު ޓޫރިސްޓް ވިސާގައި މިވަގުތު އެތެރެވެފައި ތިބި މީހުންނަށް 60 ދުވަހުގެ ވިސާ ދިނުމަށް ލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ނިންމާފައެވެ.

ލަންކާގެ ބޯޑަރުތައް ބަންދުކުރުމުން އެޤައުމަށް ދަތުރުކުރާ ދިވެހިންނާއި އެޤައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. ބޯޑަރުތައް ބަންދުވިނަމަވެސް ލަންކާއިން ބޭރުވާން ބޭނުންވާ މީހުންނަށް އެފުރުސަތު އޮތްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތަފާތު ބޭނުން ތަކަށް ގޮސްއުޅޭ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅުންވެސް ބަދަލު ކޮށްފައިވާ ރާއްޖެއާ އެންމެ އަވަހައްޓެރި ގައުމެވެ. މިވަގުތުވެސް އެ ޤައުމުގައި 15،000 ވުރެ ގިނަ ދިވެހިން އަންނަނީ އެކި ބޭނުންތަކަށް އުޅެމުންނެވެ

ލަންކާގައި ކޯވިޑް ފެތުރު މި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 151،300 ވުރެ މައްޗަށް އަރާފައެވެ. އަދި މިބަލީގައި 1000 ވުރެ ގިނަ މީހުންވަނި އެޤައުމުން މަރުވެފައެވެ.