ސިއްހަތު

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި


ކޮމަންވެލްތުގެ ފަރާތުން ބާއްވާ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފިއެވެ.

މިމަހުގެ 20 އިން 21 އަށް ކުރިއަށްދާ މި ބަައްދަލުވުން މިދިޔަ އަހަރެކޭ އެއްގޮތަށް ކުރިއަށްދަނީ ވަރޗުއަލްކޮށެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ ޚާއްސަ މައުޟޫއަކީ "ކޮމަންވެލްތު ރެސްޕޯންސް ޓު ކޯވިޑް-19 އެންޝުއަރިންގ އިކުއިޓަބަލް އެކްސެސް ޓު ވެކްސިންސް އެންޑް ބިލްޑިންގ ރެޒިލިއެންސް ފޯ ހެލްތު ސިސްޓަމްސް އެންޑް އެމަރޖެންސީސް" އެވެ. މިބައްދަލުވުމުގެ ފުރަތަމަ ދުވަހު މިނިސްޓީރިއަލް ބްރޭކްއައުޓް ސެޝަންގައި "ޕެންޑެމިކް މެނޭޖްމަންޓް" އާއި ގުޅޭ ސެޝަންގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ސެޝަންގައި ޤައުމުތަކުން ޕެންޑެމިކް މެނޭޖްކުރުމުގައި އަމަލު ކުރަމުންގެންދާގޮތާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސްފަރާތްތަކާއި ދެމެދު ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލްއަގުވާމީ މަޝްވަރާތައް ކުރެވޭނެއެވެ. ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއި ގުޅޭ "މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް" އެއް މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެ ވަޑައިގަތުމަށްފަހުއެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު ޢަބްދުﷲ މާހިރުއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ނައިބު ސަފިއްޔާ މުޙައްމަދު ސައީދު އާއި މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ޢާއިޝަތު ސާމިޔާ ބައިވެރިވެވަޑައިގެންނަވައެވެ.