ދުނިޔޭގެ ވިޔަފާރި

ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ޔޫކޭއިން އޮސްޓްރޭލިއާއަށް ހުށަހަޅައިފި


އޮސްޓްރޭލިއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުށަހަޅައިފިއެވެ.

ދެފަރާތަށްވެސް ފައިދާވާގޮތަށް ޤާއިމްކުރާ މި އެއްބަސްވުމަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ދެ ޤައުމަށް އެތެރެކުރާ މުދަލުންވެސް ޓެކްސް އުނިކުރާގޮތަށް ހުށަހެޅި އެއްބަސްވުމެކެވެ.

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާއިރު، އޮސްޓްރޭލިއާގެ ހުށަހެޅުމަކީ އޮސްޓްރޭލިއާއިން ބޭރުކުރާ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޓެކްސް އުނިކޮށް ދިނުމެވެ. މިކަމާއި ގުޅިގެން އޮސްޓްރޭލިއާގެ ވިޔަފާރިއާއިބެހޭ ވަޒީރު އަދި އިނގިރޭސިވިލާތުގެ ވިޔަފާރިއާއިބެހޭ ސެކްރެޓަރީ ދަނީ ކޮންމެ ހުކުރު ދުވަހަކު ބައްދަލުވުންތައް ބާއްވަމުންނެވެ. އަންނަ ޖޫން މަހުގެ މެދުތެރޭގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންސް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ އެއްގަމު މަހުގެ ވިޔަފާރިތަކަށް ޓެކްސް އެއް ނުދައްކާނަމަ އިނގިރޭސިވިލާތުގެ ގެރި ބަކަރީގެ ވިޔަފާރި ކުރާ ދަނޑުވެރިންގެ ވިޔަފާރިތައް ހުއްޓޭނެ ކަމުގައި އިނގިރޭސިވިލާތުގެ ޤައުމީ ދަނޑުވެރިންގެ ޔޫނިއަންއިން އިންޒާރުދެއެވެ.

އޮސްޓްރޭލިއާގެ ކުރީގެ ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޑައުނަރ ވިދާޅުވާގޮތުގައި އެއްވެސް ޓެކްސެއް ނުދައްކާގޮތަށް މުދާ އެތެރެކުރުމަކީ ވިޔަފާރިއެއް ނޫންކަމާއި އޮސްޓްރޭލިއާ މިކަމާއި އެއްބަހެއް ނުވާނެމެކަމަށެވެ. އަދި އޮސްޓްރޭލިއާގެ މުހިންމު މާކެޓަކީ އޭޝިއާ ކަމަށްވެސް އެލެކްސްޒެންޑަރ ވިދާޅުވިއެވެ.

އަންނަ ޖޫން މަހު ކުރީކޮޅު އިނގިރޭސިވިލާތާއެކު މި އެއްބަސްވުން ޤާއިމު ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޮސްޓްރޭލިއާގެ ވިޔަފާރިއާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާއިން މިހާރުވެސް ދަނީ މެޝިނަރީސް، ބަނގުރާ އަދި ދަގަނޑު އިނގިރޭސިވިލާތަށް އެތެރެކުރަމުންނެވެ. އިނގިރޭސިވިލާތުން އެތެރެކުރާ މައިގަނޑު މުދަލަކީ ކާރު، ބޭސް އަދި ބަނގުރަލެވެ. މަހުގެ ބާވަތްތަކުން ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިތައް ވަރަށް މަދެވެ. މިގޮތުން އޮސްޓްރޭލިއާއިން އުފައްދާ ގެރީގެ ބާވަތްތަކުގެ 0.15 އިންސައްތަ އިނގިރޭސި ވިލާތަށް އެތެރެކުރާއިރު ކަންބަޅިމަހުގެ 14 އިންސައްތަ އިނގިރޭސިވިލާތަށް އެތެރެކުރެއެވެ.

2019 އަދި 2020 ވަނަ އަހަރު 20.1 ބިލިއަން ޑޮލަރުގެ ވިޔަފާރިވަނީ ދެ ޤައުމުގެ ދެމެދުގައި ވަނީ ބަދަލުކުރެވިފައެވެ.