މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހީކުރިވަރަށްވުރެވެސް ބޮޑަށް ސިންގަޕޫރުގެ އިޤްޠިޞާދު ކުރިއަރައިފިއެވެ.
ސިންގަޕޫރުގެ އިޤްތިޞާދަށް ލިބުނު ކުރިއެރުން މުޅި އަހަރަށް އޮންނާނެކަމަށް ލަފާކޮށްފައިވީނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މި ގޮތަށް ދެމިއޮންނާނެކަމާމެދު ޔަޤީންކަމެއް ނެތްކަމުގައިވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ސަރުކާރުން ކުރިން ލަފާކުރިގޮތާއި ޚިލާފަށް ފުރަތަމަ ކުއާޓަރުގައި އެ ޤައުމުގެ ޖީޑީޕީ ވަނީ 1.3 އިންސައްތަ ކުރިއަރާފައެވެ. މީގެއިތުރުން ހޯލް ސޭލް ވިޔަފާރި، އިންޝުއަރެންސް، ފައިނޭންސް އަދި އެކިކަހަލަ އުފެއްދުންތައްވެސް ވަނީ އިތުރުވެފައެވެ.
ވިޔަފާރިއާބެހޭ ވުޒާރާއިން މިއަހަރުގެ ޖީޑީޕީ 4 ނުވަތަ 6 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވީނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިއަދަދުތަކަށް ބަދަލު އައިސްދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ. އައު އަޓުލުކް ނެރުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހުއެވެ. މީގެ އިތުރުން ލަފާކޮށްފައިވާ ވަރަށްވުރެ ބޮޑަށް އިޤްޠިޞާދު ރަނގަޅުވެ މިދިޔަ އަހަރު ވަރަށްބޮޑަށް ގޯސްވެފައިވާ ބަލިމަޑުކަމުގެ ޙާލަތުން އަރައިގަނެ ރިސެޝަނަކަށް ނުގޮސް އިޤްޠިސާދު ދެމެހެއްޓޭނެކަމުގައި އިދާރާތަކުން މިދިޔަމަހު ވަނީ ބުނެފައެވެ.
ނަމަވެސް ލަފާކޮށްފައިވާ ވަރަށް ސިންގަޕޫރުގެ އިޤްޠިޞާދު ރަގަޅުވެގެންދާނީ މީހުން ބޭނުންވާވަރަށްވުރެ ބޮޑަށް އެތެރޭގެ ޑިމާންޑްތައް އިތުރުވެގެން ކަމަށާއި ބައެއް ސިނާއަތްތަކުގެ ކުރިއެރުން ލަފާކުރަން އުނދަގޫވެދާނެކަމަށް ވިޔަފާރިއާއިބެހޭ ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.
މިދިޔަ އަހަރު ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ 75.34 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.
ކޯވިޑްގެ ބަލިމަޑުކަމުން ކޮންޓްރޯލް ކުރުމަށްޓަކައި ސިންގަޕޫރު ސަރުކާރުން މިދިޔަމަހު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން އެއްވެ އުޅުން މަދުކުރުމަށާއި ރެސްޓޯރެންޓްތަކުގައި ކައިބޮއެ ހެދުން މަނާކޮށް ގޭގައި މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
އޯގަސްޓްމަހު ބޭއްވުމަށް ހަމަޖެހފައިވާ ވޯލްޑް އިކޮނޮމިކް ފޯރަމް އަދި އެނުއަލް ޝަންގުރިއްލާ ޑައިލޮގުވެސް ވަނީ ކެންސަލްކޮށްފައެވެ.