ދުނިޔޭގެ ވިޔަފާރި

ހަމަލާތަކާއި ގުޅިގެން އިޒްރޭލްގެ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް


އިޒްރޭލާއި ހަމާސްއިން ބަދަލުކުރި ހަމަލާތަކުގެ ސަބަބުން އިޒްރޭލްގެ ވިޔަފާރިތަކަށް 368 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެއްޖެއެވެ.

އިޒްރޭލުގެ މެންފެކްޗަރ އެސޯސިއޭޝަނުން ބުނިގޮތުގައި މި ގެއްލުން ބޮޑަށް ލިބުނީ ހަމަލާތަކާ ހެދި މަސައްކަތްތެރިން ގޭގައި ތިބުމުގެ ސަބަބުންކަމަށެވެ.

ދެކުނު އިޒްރާއީލުގެ ސަރަޙައްދުތަކުގައި ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މަސައްކަތްތެރިން އޮފީސްތަކަށް ނުނިކުމެއެވެ. އަދި ވިޔަފާރީގެ ކާރޫބާރޫ އެންމެ ބޮޑު ސަރަޙައްދުތަކުގެ ކައިރީ ހުރި ގެތަކުގެ މީހުންގެ 10 އިންސައްތަ މީހުން ތިބީ ގޭގައިކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މީހުން މަސައްކަތަށް ނުނިކުތުމުގެ ސަބަބުން ކުންފުނިތަކަށް ގެއްލުންވެ އެޤައުމުގެ އާމްދަނީއަށް ސީދާގޮތެއްގައި ވަނީ އަސަރުކޮށްފައެވެ.

އިޒްރާއީލުން ގާޒާއަށް ދިން ބޮމުގެ ޙަމަލާތަކުގެ ސަބަބުން ހަމާސްގެ މީޑިއާ އޮފީހަށް ގެއްލުންވެ ގާޒާގެ ކާރުޚާނާތަކާއި އިންޑަސްޓްރިއަލް ޒޯނަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. މީގެއިތުރުން އެނާރޖީ ސެކްޓަރަށް ގާތްގަނޑަކަށް 22 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ.
އިޒްރާއީލްގެ 50 ކާރުޚާނާއަކަށް ވަނީ މިލިއަނުން ގެއްލުން ލިބިފައެވެ. އަދި މިއީ އޯޑަރުތައް ކެންސަލްވުންފަދަ ނުސީދާކޮށް ލިބުނު ގެއްލުމުގެ އިތުރުން ވެފައިވާ ގެއްލުމެވެ.

2014 ވަނަ އަހަރު ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 1 މިލިއަން ޑޮލަރުގެ ގެއްލުން އިޒްރޭލުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ލިބިފައެވެ.

މުސްތަޤުބަލުގައިވެސް ވިޔަފާރިތަކަށް ލިބިދާނެ މިފަދަ ގެއްލުމަކުން އަރަގަތުމަށް ބަދަލުދިނުމުގެ ސްކީމެއް ދާއިމީކޮށް ލިބޭނެގޮތް ހަދައިދިނުމަށް މެންފެކްޗަރ އެސޯސިއޭޝަނުގެ ރައީސް ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި އިޒްރާއީލްގެ މަޖިލީހުގެ އިޤުޠިޞާދާއި ބެހޭ ކޮމެޓީން ދަނީ މިކަމަށް ބަހުސްކުރުމަށް ތައްޔާރުވަމުންނެވެ.

އިޒްރާއީލްގެ އިޤްޠިޞާދު ވަނީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަނެ ވަޒީފާނެތް މީހުންގެ ރޭޓްވެސް 7.9 އިންސައްތައަށް ދަށްކޮށްފައެވެ. އަދި އިތުރު ވަޒީފާތައްވެސް ވަނީ އުފެދިފައެވެ. މިދިޔަ އަހަރު އިޤުޠިޞާދު 2.1 އިންސައްތައަށް ދަށްވެފައިވާއިރު މިއަހަރު 4 ނުވަތަ 6 އިންސައްތައަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.