ވިޔަފާރި

މާލެސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފި


މާލެ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއި ގުޅިގެން މާލެސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން އަންނަމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މުއްދަތުގައި، ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިބިދާނެފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދުގައި މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެގޮތުން ކުރިން ހަވީރު 4:00އިން ފަތިހު 4:00އަށް އޮތް 12 ގަޑިއިރުގެ ކާފިއު މިހާރު ވަނީ ހެނދުނު 8:00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ޚާއްސަ ހުއްދައަކާއެކުކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ކޮންމެ ގޭބިސީއަކުން ދެމީހަކަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވާއިރު، މި ހުއްދަ ދޫކުރާނީ ކަރަންޓް މީޓަރަށް ބަލައިގެންނެވެ. މީގެ އިތުރުން ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އެއިން ޚިދުމަތެއް ހޯދައިފިނަމަ މަދުވެގެން 5000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ