ދުނިޔޭގެ އެންމެ މަޤުބޫލު ފައިސާގެ ގޮތުގައި އޮތް އެމެރިކާ ޑޮލަރުގެ ޚާއްޞަކަން 15 އަހަރު ތެރޭގައި ނެތިގެން ހިނގައިދާނެ ކަމަށްބުނެ އެމެރިކާގެ ބިލިއަނަރ ސްޓޭންލީ ޑްރަކަން މިލަރ ނުރައްކާތެރި އިންޒާރެއް ދީފިއެވެ.
އެމެރިކާގެ އިންފްލޭޝަން މަތިވެ ޙިއްޞާގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު ވަނީ ދަށްވެފައެވެ. މިކަމުގެ ނަތީޖާއާމެދު ވޭތުވެދިޔަ ދެ ހަފްތާވެސް ޙިއްޞާގެ ބާޒާރުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޑޮލަރު ނެތިގެން ހިނގައިދާނެކަމަށް ލަފާކުރެވޭހާ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރު މިވަނީ ހިފެހެއްޓިފައެވެ. މަދުވެގެން 4 ގަރުނު ވަންދެން ޑޮލަރު ވަނީ ރިސާރވްގެ ގޮތުގައި ބޭނުންކޮށްފައެވެ.
ރަސްމީ ބޭރު ފައިސާ ރިޒާރވްއަށް އައިއެމްއެފް އިން ހަދާފައިވާ އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި މިދިޔަ އަހަރު 4 ވަނަ ކުއާޓަރުގައި އެމެރިކާ ޑޮލަރުގެ ޙިއްޞާގެ އަގު ވަނީ 59 އިންސައްތައަށް ވެއްޓިފައެވެ. މިއީ ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ޙިއްޞާގެ އަގު އެންމެ ދަށްވި ފަހަރެވެ.
ކޯވިޑްގެ ބަލިމަޑުކަމުން އިޤްޠިޞާދުތައް ހީނަރުވުމުގެ ކުރިންވެސް އެމެރިކާ ޑޮލަރުގެ އަގު ދަށްވަމުންދާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ.
ކެލިފޯނިއާ ޔުނިވަރސިޓީގެ ބެރެކްލީ ވިދާޅުވާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއިން ދިޔައީ ސޯވިއަޓް ނޫން ޤައުމުތަކުގެ ސިނާޢީ އުފެއްދުންތައް ބަލައިގަންނަމުންނެވެ. މީގެ މާނައަކީ މުދާ އެތެރެކުރުމާއި ބޭރުކޮށް ވިޔަފާރިތަކުގެ ހިސާބު ހަމަޖައްސައި ބައިނަލްއަޤުވާމީ ލޯނުތައް ދޫކޮށް އަދި މަރުކަޒީ ބޭންކުގެ ރިސާރވްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ޑޮލަރުކަމެވެ.
ނަމަވެސް އެމެރިކާގެ މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީން މިހާރު ބޮޑަށް އެތެރޭގެ ހާލަތު ރަނގަޅުކުރުމަށް އަހަންމިއްޔަތުކަން ދިނުމުގެ ސަބަބުން އެހެން ޤައުމުތަކުގެ ޝައުޤުވެރިކަން އެމެރިކާ ޑޮލަރަށް ވަނީ ގެއްލިފައެވެ. އަދި ޔޫރަޕްގެ އެހެން ޤައުމުތަކާއެކު ވިޔަފާރިކުރާ އެހެން ޤައުމުތަކުން ޔޫރޯ ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި ލޯނުގެ ގޮތުގައި ޔޫރޯ ބޭނުންކުރާތީ އެމެރިކާ ޑޯލަރުގެ ޚާއްޞަކަން ދަށްވާކަމަށް އައިއެމްއެފްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
މީގެ ކުރިން އެމެރިކާ ޑޮލަރަކީ އެންމެ ރައްކާތެރި ފައިސާ އަދި ލިކުއިޑް ސެކިއުރިޓީއަކަށްވާތީ އެންމެންގެ އިތުބާރު އެމެރިކާ ޑޮލަރަށް ވަނީ ލިބިފައެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ގެންގުޅުނު ދޯދިޔާ ސިޔާސަތުތަކެއްގެ ސަބަބުން ޑޮލަރުގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ.
އިންފްލޭޝަން މަތިވެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާވެސް ވަނީ ދަށަށް ދާން ފަށާފައެވެ. ޓްރަމްޕްގެ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ސަބަބުން އެތެރޭގެ ސިސްޓަމް ނިކަމެތިވެފައިވީނަމަވެސް ބައިޑަންގެ ސަރުކާރުން އެކުލަވާލާފައިވާ ބޭރުގެ ޤައުމުތަކާއިބެހޭ ސިޔާސަތުން ބައިނަލްއަޤުވާމީ ގުޅުންތައް ރަނގަޅު ކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
އެމެރިކާ ޑޮލަރު ބޭނުންކުރާ ބޮޑު ދެ ޤައުމު ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާއިން ޑޮލަރު ދޫކޮށްލަން ބޭނުންނުވިނަމަވެސް ޗައިނާއިން ޑޮލަރު ބޭނުން ކުރާވަރު 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ދަށްވަމުންނެވެ. އެމެރިކާ ޑޮލަރަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާގެ ރެނިމްއިންބީ އާއި ޔޫރޯއެވެ.