ހުޅުމާލޭގައި 103 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް ޢިމާރާތްކޮށް ވިއްކުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފިއެވެ.
އެކަމަށްޓަކާ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީީ އެކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.
އެޗްޑީސީން ވިދާޅުވީ، މި މަޝްރޫޢަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރިކުއެސްޓް ފޯރ ޕްރޮޕޯސަލް، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެއްކަމަށެވެ. އެގޮތުން އެސް،ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން ތަރައްޤީކުރާ 103 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ޕްލޮޓް ނަންބަރު S1/4 ގައެވެ. ޖުމްލަ 26،969.06 އަކަފޫޓުގެ ހުންނަ މި ބިމުގައި 103 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި، އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް ޖީ.އެސް.ޓީ ނުލައި 1987.23 ރުފިޔާގެ ރޭޓުން ވިއްކާ ޔުނިޓްތަކެކެވެ.
ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މިގޮތަށް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުންކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ. މި މަޝްރޫޢު ޑީޓެއިލް ކުރެހުން އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
HDC has signed the Agreement with SJ Construction Pvt Ltd for the Development and Sale of Mixed-Use Residential Complexes in plot S1-4 Hulhumalé during an online agreement signing ceremony held today. pic.twitter.com/JadIFjrsBx
— HDC (@hdcmaldives) May 27, 2021
ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވާއިރު، ހުޅުމާލޭ ފޭސް އެކެއްގައި 116 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާވެސް ދާދިފަހުން ވަނީ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި 116 ޔުނިޓް އިމާރާތްކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ޕްލޮޓް ނަންބަރު S1/1 ގައެވެ. ޖުމްލަ 24،098.22 އަކަފޫޓުގެ ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި، އަކަފޫޓެއް 1800 ރުފިޔާގެ ރޭޓުން ވިއްކާ ޔުނިޓްތަކެކެވެ. އަދި ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ.
މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެޗް.ޑީ.ސީގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅެން ބޭނުންވާ ފަރާތްތައް ޙިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ޤާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެޗްޑީސީން ހާމަކުރެއެވެ.