ދުނިޔޭގެ ވިޔަފާރި

އެޗްއެސްބީސީން އެމެރިކާގައި ހިންގާ ވިޔަފާރިތައް ހުއްޓާލަނީ


އިނގިރޭސިވިލާތުގެ މަލްޓިނޭޝަނަލް ބޭންކިންގ ކުންފުނި ކަމަށްވާ އެޗްއެސްބީސީގެ އެމެރިކާގެ ގިނަ ބްރާންޗްތައް ބަންދުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

ކުންފުނީގެ 148 ބްރާންޗް އެމެރިކާގައި މިހާރު ހުރިއިރު އެޗްއެސްބީސީން ބޭނުން ވަނީ 25 ބްރާންޗަށް މަދުކުކުރުމަށްކަމަށާއި އަދި މި 25 ބްރާންޗުތައް ބަދަލުވެގެންދާނީ އިންޓަރނޭޝަނަލް ވެލްތު ސެންޓަރުތަކަށްކަމަށް އެކުންފުނިން ބުނެއެވެ.

އެޗްއެސްބީސީގެ ބައެއް ބްރާންޗްތައް އަދި އެމެރިކާގައި ހުރިނަމަވެސް އެ ބްރާންޗްތަކުން ބޮޑަށް ފޯކަސް ކުރާނީ އިންޓަރނޭޝަނަލް ބޭންކިންގް އެންޑް ވެލްތް މެނޭޖްމަންޓަށްކަމަށާއި ބްރާންޗްތަކުގެ ޚިދުމަތްތައް ދެން ދޭނީ ޚާއްޞަކޮށް މުއްސަނދި ކްލައަންޓުންނަށްކަމަށް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާގައި ކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު ކުންފުނީގެ ޚަރަދު ކުޑަކުރަން ވަރަށްބޮޑަށް އޮތީ ބޭނުންޖެހިފައެވެ.

އެމެރިކާގެ ވިޔަފާރިތަކަކީ ރަނގަޅު ވިޔަފާރިތަކެއް ނަމަވެސް ވާދަކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ކުންފުނީގެ ސީއީއޯ ވަނީ ބަޔާނެއްގައި ބުނެފައެވެ. އަދި އެމެރިކާގެ އެހެން ވިޔަފާރިތަކަށް އެޗްއެސްބީސީގެ ބްރާންޗްތައް ވިއްކާލުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން އެމެރިކާގެ ސިޓިޒަން ބޭންކުން ވަނީ އެމެރިކާގެ އީސްޓް ކޯސްޓްގައި ހުރީ އެޗްއެސްބީސީގެ ރީޓެއިލް ޔުނިޓަކާއި އޮންލައިން ޕޯޓްފޯލިއޯއެއް ގަންނަން ނިންމާފައެވެ. އަދި ޗައިނީޒް އެމެރިކަން ބޭންކެއް ކަމަށްވާ ކެތީ ބޭންކުން ވަނީ ކުންފުނީގެ އެހެން ރީޓެއިލް ވިޔަފާރިއެއް ގަންނަން ނިންމާފައެވެ.

އޭޝިޔާގައި ރަނގަޅު ވިޔަފާރިއެއް ކުރާ އެޗްއެސްބީސީން ވަނީ އެމީހުންގެ ގިނަ ރިސޯސަސްތަކެއް އޭޝިއާ ސަރަޙައްދަށް ބަދަލުކޮށްފައެވެ. މުހިންމު މާކެޓްތައްކަމަށް ޗައިނާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިންޑިއާ ބަލައިގެން 6 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރުމަށް ތައްޔާރުވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޗައިނާއަކީ އެމީހުންގެ މައި މަރުކަޒުކަމަށް ހަދައި ހޮންކޮންގްގައި ގިނަ ވިޔަފާރިތައް އުފައްދައި ސިންގަޕޫރަކީ ވެލްތު މެނޭޖްމަންޓް ހަބެއްގެ ގޮތުގައި ހެދުމަށް ކުންފުނިންދަނީ ވިސްނަމުންނެވެ. މިދިޔަ އަހަރު 1 ބިލިއަން ޑޮލަރުގެ ފައިދާއެއް ކުންފުންޏަށް ހޯދާދީފައިވާ އިންޑިއާގައި މިހާރުވެސް ކުރިއަށްގެންދާގޮތަށް ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.

އެޗްއެސްބީސީން ވަނީ ކުންފުނީގެ ބައެއް އިސް މަޤާމްތަކަށްވެސް ބަދަލުތައް ގެންނަން ނިންމާފައެވެ. މިއަހަރު 4 އެގްޒެކެޓިވްއިން ހޮންކޮންގއަށް ފޮނުވަން ހަމަޖެހިފައިވާއިރު ސީއީއޯ އަދި ޗީފް ފައިނޭންސިންގ އޮފިސަރ މަޑުކުރުމަށް ހަމަޖެހިފައިވަނީ ލަންޑަންގައެވެ.