މިހާރު މާލެ ސަރަޙައްދުގައި އަޅާފައިވާ ޙާއްސަ ފިޔަވަޅުތައް އަޅާފައިވާ މުއްދަތުގައި މީރާއަށް ދައްކަންޖެހޭ ޓެކުހާއި ފީތަކުގެ ސުންގަޑި ފަސްކޮށްދީފިއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި އެކު، އޮފީސްތައް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށް، މި މުއްދަތުގައި އެންމެން ބޭރަށް ނުކުމެ އުޅެން މަދުކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.
މީރާއިން ވިދާޅުވީ މިހާރު މާލެ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު، މި މުއްދަތުގައި އަންނަ ޓެކުހާއި، އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތައް އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.
ޓެކްސްގެ ސުންގަޑިތައް ފަސްކޮށްދީފައިވާއިރު، މީރާއިންވަނީ އެ އޮތޯރިޓީއަށް ދައްކަން ޖެހޭ ޓެކުހާއި ފީތައް އެ އޮތޯރިޓީގެ އޮންލައިން ޙިދުމަތް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި މީރާއިން ފޯރުކޮށްދޭ އެހެނިހެން ޙިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް އޮންލައިންކޮށް ޙިދުމަތްތައް ހޯދުމަށް މީރާއިން އިލްތިމާޒްކުރެއެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޮފީސްތައް ބަންދުކޮށް، މާލެ ސަރަޙައްދުގައި ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކުރިން ހަވީރު 4:00އިން ފަތިހު 4:00އަށް އޮތް 12 ގަޑިއިރުގެ ކާފިއު މިހާރު ވަނީ ހެނދުނު 8:00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ޚާއްސަ ހުއްދައަކާއެކުކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.