ދުނިޔޭގެ ވިޔަފާރި

ފަލަސްތީނަށް އެހީ ދިނުމަށް އދ.އިން ގޮވާލައިފި


އިޒްރާއީލާއި ފަލަސްޠީނާއި ދެމެދު ބަދަލުކުރެވިފައިވާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ޢާމުންނަށް އެހީވުމުގެ ގޮތުން ކުރިއަށް އޮތް 3 މަސްދުވަހަށް 95 މިލިއަން ޑޮލަރުގެ އެހީއަކަށް އދ އިން ގޮވާލައިފިއެވެ.

ފަލަސްޠީނު ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ޔޫއެންގެ އިންސާނީ ޙައްޤުތަކާއިބެހޭ ކޯޑިނޭޓަރ ލީން ހޭސްޓިންގްސް ވިދާޅުވީ އދއިން މިވަގުތު މި ބަލަނީ އަވަސް މުއްދަތެއްގެ ތެރޭގައި ލިބެން އޮތް އެހީއެއް ހޯދުމަށްކަމަށާއި ދިގު މުއްދަތަކަށް ލިބިފައިވާ ގެއްލުމާއި ސުންނާފަތިވެފައިވާ ތަންތަން އަލުން އާރާސްތުކުރުމަށް ބޭނުންވާ އެހީއަށް ބޭނުންވާވަރު އަދި އަންދާޒާ ނުކުރެވޭކަމަށެވެ.

ބުރާސްފަތި ދުވަހު އިޢުލާނުކުރި މި އެހީން ބޮޑަށް ބަލާނީ މި ވަގުތަށް ކޮންމެހެންވެސް ބޭނުންވާ ކަންތައްތައްކަމަށްވާ، ކާބޯތަކެތި ފޯރުކޮށްދިނުމާއި ޢާންމުގެ ސިއްޙަތާއި ބޭސް ފޯރުކޮށް ދިނުން އަދި އަވަހަށް މާރާތުކުރެވޭ ތަންތަން މަރާމާތު ކުރުމަށެވެ. މީގެއިތުރުން ފައިސާގެ އެހީވެސް ބޭނުންވާކަމުގައި ކޯޑިނޭޓަރ ވިދާޅުވިއެވެ. ޔޫއެންއިން މިހާރުވެސް ވަނީ 22.5 މިލިއަން ޑޮލަރުގެ އެހީ ފަލަސްޠީނަށް ވެދީފައެވެ.

ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވާގޮތުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ޚަރަދު ވާނެއެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގެ 800 ހާހެއްހާ މީހުން ވަނީ ސާފު ބޯފެނުން މަހްރޫމްވެފައެވެ. މީގެ އިތުރުން 58 މަދަރުސާއާއި 285 ޢިމާރާތް ވަނީ އެއްކޮށް ބިމާއި ހަމަވެފައެވެ. 1000 އެއްހާ ޢާންމުންގެ ގޮދޮރާއި ވިޔަފާރި ޢިމާރާތްތައްވެސް ހަލާކުވެފައިކަމުގައި ކޯޑިނޭޓަރ ވިދާޅުވިއެވެ. 11 ހޮސްޕިޓަލާއި ސިއްޚީ ޚިދުމަތްދޭ 6 ތަނެއްވެސް ހަލާކުވެ، ދުވާލަކު 6 ނުވަތަ 4 ގަޑިއިރަށް ޣައްޒާއިން ކަރަންޓްވެސް ކެނޑޭކަމުގައި ޚަބަރުތައް ބުނެއެވެ.

އެހީގެ ބޮޑު ބައެއް ޣައްޒާއަށް ދިޔަނަމަވެސް ޒަޚަމްވެފައިވާ މީހުންނަށް ދިނުމަށް ބައެއް އެހީ ހުޅަނގު އަދި އިރުމަތީ ގުދުސްއަށްވެސް ފޯރުކޮށްދޭނެކަމަށް އދއިން ބުނެއެވެ.

މީގެ އިތުރުން ފަލަސްޠީނު އާރާސްތުކުރުމަށް ޤަތަރުން ވަނީ 500 މިލިއަން ޑޮލަރު ދޭނެކަމަށް ބުނެފައެވެ. ޤަޠަރަކީ އިސްރާއީލާއި ޙަމާސާ ދެމެދު އޮންނަ މައްސަލަތަކުގައި ދެ ފަރާތުގެ މެދުވެރިއެއްގެ ހައިޞިއްޔަތުން ވަރަށް ގިނަފަހަރު މަސައްކަތްކުރާ ޤައުމެކެވެ. ޤަޠަރުން ވަނީ މީގެ ކުރިންވެސް އިންސާނީ އެހީތެރިކަމުގެ ގޮތުގައި ޣައްޒާއަށް އެތައް މިލިޔަން ޑޮލަރެއްގެ އެހީވެދީފައެވެ.

ފަލަސްޠީނުގެ އިޤްޠިޞާދީ ތަރައްޤީއަށް އެމެރިކާއިން ވަނީ 75 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ބުނެފައެވެ. މީގެ ތެރޭގައި 5.5 މިލިއަން ޑޮލަރަކީ ކާރިސާއިން އަރައިގަތުމަށް ދޭ އެހީއެއް ކަމަށާއި 32 މިލިއަން ޑޮލަރު ދޭނީ ޔޫއެންގައި ހުންނަ ޕަލަސްޠީނަށް އެހީވެދޭ އޭޖެންސީއަށް ކަމަށްވެސް އެމެރިކާއިން ބުނެއެވެ.