ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ސީފުޑް އެތެރެކުރާ ކުންފުންޏަކުން އެމެރިކާއަށް މަސް އެތެރެކުރުން މަނާކޮށްފި


މަސައްކަތްތެރިންނަށް މަޖުބޫރުކުރުވައިގެން މަސައްކަތްކުރުވާ ކަމަށްބުނެ ޗައިނާގެ ސީފުޑް އެތެރެކުރާ 32 މަސްބޯޓަކުން މަސް އެތެރެކުރުން އެމެރިކާއިން މަނާކޮށްފިއެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯރޑަރ ޕްރޮޓެކްޝަނުން ބުނިގޮތުގައި މި ބޯޓުތަކުގައި މަސައްކަތްކުރާ އިންޑޮނޭޝިއާގެ މަސައްކަތްތެރިންނަށް މަޖުބޫރުކުރުމާއި އެމީހުންނާއި ދެކޮޅަށް ރަޙުމުކުޑަ ޢަމަލުތައް ޗައިނާގެ މަސްބޯޓު ކުންފުނިން އަންނަނީ ހިންގަމުންނެވެ.

ސީބީޕީން ބުނާގޮތުގައި ދާލިއާން ފިޝިންގ ކޮމްޕެނީ ލިމިޓެޑުން އެމެރިކާއަށް އެތެރެކުރާ ކަޅުބިލަމަހާއި ހިބަރު އަދި އެހެނިހެން މަހުގެ ބާވަތްތައް އެތެރެކުރުން މިހާރު ވާނީ މަނާކޮށްފައިކަމަށާއި މި މަނާކުރުމުގެ ސަބަބުން މަހުން އުފައްދާ އެހެނިހެން ބާވަތްތައްކަމުގައިވާ ދަޅުގައި ބަންދުކޮށްފައި ހުންނަ މަހާއި ގޭގައިގެންގުޅޭ ޖަނަވާރަށް ކާންދޭ މަހުގެ ބާވަތްތައް އެތެރެކުރުންވެސް މަނާވީކަމުގައި އެ އިދާރާއިން ބުނެއެވެ. މިއީ ސީބީޕީން ކުންފުންޏެއްގެ ހުރިހާ މަސްބޯޓަކުން މަސް އެތެރެކުރުން މަނާކުރި ފުރަތަމަ ފަހަރު ކަމުގައި ޑިޕާރޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރީޓީން ބުނެއެވެ. އަދި މަޖުބޫރުކޮށްގެން މަސައްކަތްކުރުވާ މައްސަލަ ވަރަށް ރަނގަޅަށް ތަޙުޤީޤު ކުރާނެކަމަށްވެސް އެ ޑިޕާރޓްމަންޓުން ބުނެއެވެ. އަދި އެމެރިކާއަށް މުދާ އެތެރެކުރާ ފަރާތްތަކުން މި ގޮތަށް ޢަމަލުކުރާނަމަ ތަޙްޤީޤު ކުރާނެ އިދާރާތައް ހުންނާނެކަން އެނގެންޖެހޭ ކަމަށްވެސް ޑިޕާރޓްމަންޓުން ވަނީ ބުނެފައެވެ.

ދާލިއަން އޯޝަން ފިޝިންގގައި މަސައްކަތްކުރާ އިންޑޮނޭޝިއާގެ މަސައްކަތްތެރިން ވަނީ އެމީހުން ހީކުރިވަރަށްވުރެ މާ އުނދަގޫ ޙާލަތެއްގައި މަސައްކަތްކުރަންޖެހިފައިކަމާއި މުސާރަ ނުދިނުމާއި ޖިސްމާނީ އަނިޔާއަށް ހުށަހެޅި ދިރިއުޅުމުގެ ޙާލަތުވެސް ވަނީ ވަރަށް ގޯސްވެފައިކަމުގައި ސީބީޕީގެ އޮފިޝަލުން ބުނެއެވެ.

އެމެރިކާ ސަރުކާރުގެ ޓްރޭޑް ނެގޯޝިއޭޓަރ ކެތްރީން ތައި ވަނީ މަސްބޯޓުތަކުގައި މަޖުބޫރުން މަސައްކަތްކުރުވާ މައްސަލަ ދުނިޔޭގެ ވިޔަފާރިއާއިބެހޭ ޖަމިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ. މިގޮތަށް ޢަމަލުކުރާ ބޯޓުތަކަށް ސަބްސިޑީ ދިނުން ހުއްޓާލުމުގެ ޕްރޮޕޯސަލެއް އެ ޖަމިއްޔާއަށް ހުށަހަޅައި މެމްބަރު ޤައުމުތަކުން މިކަންކަން ދެނެގަތުމަށްވެސް ކެތްރީން ވަނީ ގޮވާލާފައެވެ.

ދާލިއާން އޯޝަން ފިޝިންގއިން އެމެރިކާއަށް މަސް އެތެރެކުރަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެގޮތުން މިދިޔަ އަހަރު ދެ ލައްކަ ތެއްތިރީސް ހާސް ޑޮލަރުގެ މަސް ވަނީ އެތެރެކޮށްފައެވެ.