ޚަބަރު

24 ގަޑިއިރު ފަހުން ކޯވިޑްގެ މަރެއް، މިއީ 159 ވަނަ މަރު


ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ރާއްޖެއިން މިއަދު ނިޔާވެއްޖެއެވެ.

މިއަދު ރާއްޖެއިން ކޯވިޑުގައި ނިޔާވެފައިވަނީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 6:37 ހާއިރުގައެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 159 ވަނަ މީހާއެވެ.

ކޯވިޑް ޖެހިގެން މިއަދު މީހަކު ނިޔާވިއިރު، އިއްޔެއަކީ ވޭތުވެދިޔަ 16 ދުވަހުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ޖެހިގެން މީހަކު ނިޔާނުވެ ދިޔަ 24 ގަޑިއިރެވެ.

ކޯވިޑްގައި އެންމެފަހުން ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ އިރުއޮއްސި 6 ޖެހިއިރުގައެވެ. މިމަރަކީ ބ.އޭދަފުށީގައި ނިޔާވި މީހަކު ކޯވިޑަށް ކުރި ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެން ކޯވިޑް މަރެއްގެ ގޮތުގައި ބަލާފައިވާ މެރެކެވެ.

ކޯވިޑްގައި މިމަހުގެ ތެރޭގައި މިހާތަނަށް 86 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް 119 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. މީގެއިތުރުން މިމަހުގެ މިހާތަނަށް 30000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.