ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޝޯކާ ބިލްޑްކޮން ލިމިޓެޑާއި ޙަވާލުކޮށްގެން ހަދާ ހައުސިންގ ޔުނިޓްތަކަކީ 2 ކޮޓަރީއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއްކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
އަޝޯކާއާއި 2000 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސޯޝަލް ހައުސިންގގެގޮތުގައި 2000 ޔުނިޓްގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިންޖިނިއަރިންގ، ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން، އީޕީސީ އުޞޫލުންނެވެ.
މި މަޝްރޫއުގެ ދަށުން 2 ކޮޓަރީގެ 500 ޔުނިޓް އަދި 3 ކޮޓަރީގެ 1500 ހައުސިންގ ޔުނިޓް ތަރައްޤީ ކުރެވިގެންދާނެއެވެ. 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފުޓޫ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 900 އަކަފޫޓު ހުންނާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ. 140 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުންނެވެ. މުޅި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 3 އަހަރު ދުވަސް ނަގާނެކަމަށް ބެލޭވަކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.
މި މަޝްރޫޢު ޙަވާލުކޮށްފައިވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ކާމިޔާބުކަމާއެކު ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ބޮޑެތި ޕްރޮޖެކްޓްތައް ފުރިހަމަކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުންޏަކީ އިމާރާތްކުރުމުގެ ދާއިރާގައި އިންޑިއާގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނިކަމަށްވާ އަޝޯކާ ގްރޫޕުގެ ކުޑައިގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ. އަޝޯކާ ގްރޫޕަކީ ޢުމްރާނީ ތަރައްޤީއާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން، ދަނޑުވެރިކަމާއި، ތަޢުލީމީ ދާއިރާއާއި، ބަޔޯ-އެނަރޖީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އަދި އެކުންފުނިން މިހާރު ދަނީ ޞިއްޙީ ދާއިރާއާއި އެޑްވަޓައިޒިންގ ދާއިރާގައިވެސް ކުންފުނީގެ ބައިވެރިވުން ފުޅާކުރަމުންނެވެ.
އަޝޯކާ ބިލްޑްކޮން ލިމިޓެޑް ފާހަގަވެފައިވަނީ މަސައްކަތުގެ ސްޕީޑާއި ފެންވަރު ރަނގަޅު އަދި ތިމާވެއްޓާ ރައްޓެހި އުޞޫލުތަކާއި، ސިޔާސަތުތަކެއް ގެންގުޅޭ ކުންފުންޏެއްގެ ގޮތުގައެވެ. އެކުންފުންޏާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވާއިރު، ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކޮށްފައިވަނީ އަޝޯކާ ބިލްޑްކޮންއާއި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް ގުޅިގެންނެވެ.