ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާ މިހާރު އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަނޑި އިތުރުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިންވެސްޓަރުންނަށް ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އެންމެ ފަހުން އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް ކަމަށެވެ. އަދި ބީލަން ފޮތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
ރިސޯޓް ތަރައްޤީކުރުމަށް މިދިޔަ އޭފްރީލްމަހުގެ 8 ވަނަ ދުވަހު ހުޅުވާލީ 23 ރަށެއް 16 ފަރާތަކަށް ދިނުމަށެވެ. މި ހުޅުވާލި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް ލިބޭނީ އެކަކަށެވެ. އޭރު ބީލަން ހުށަހެޅުމުގެ ސުންގަނޑިއެއްކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހެވެ.
ޓޫޫރިޒަމް މިނިސްޓްރީން ދުނިޔޭގެ އިންވެސްޓްކުރުމުގެ މާހައުލަށް ރިއާޔަތްކޮށް މި ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓްވެސް ވަނީ ކުޑަކޮށްދީފައެވެ. އެގޮތުން ފަތުރުވެރިކަން މިރަށްތަކުގެ އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ކުޑަކޮށްދީފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މިރަށްތަކާއި ގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން މިދިޔަ އޭޕްރީލްމަހުގެ ފަހު ހަފްތާތެރޭ ބާއްވާފައިވާއިރު، އިންވެސްޓަރުންގެ ބޮޑު ތަރުޙީބެއް މި ބައްދަލުވުމަށް ލިބިގެންދިޔަކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން މި ބައްދަލުވުމަށް 97 ފަރާތަކުން ބައިވެރިވެފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.