ރިޕޯޓް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން....


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް  ޚާއްޞަކޮށްގެން ސަރުކާރުން ދޫކުރާ ފަނަރަ ފްލެޓަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އަންނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓް ޙަވާލު ކުރެވޭނޭ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންނަށް، ބޭނުންވާ ޚިދްމަތްތައް ލިބޭނޭ ގޮތް މަގުފަހި ކޮށްދިނުމާއި އެކު، އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ވަނީ ބަޔާންކުރައްވާފައެވެ.އެގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައި އެފަރާތްތަަކަށް ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން "ޑިސްއެބިލިޓީ ޑިވިޝަން" އެއް ޤާއިމްކޮށް އެފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުމާއި އެކު،ޚިދްމަތްތައް ފަހިކޮށްދިނުމަށް އެޑިވިޝަން މެދުވެރިކޮށް ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެސެކްޝަނުން މިހާރު ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ޚާއްޞަކޮށްގެން ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކައް،ޝޯޓް ލިސްޓުކުރެވިފައިވާ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ޚާއްޞަކޮށްގެން ސަރުކާރުން އެންމެ ފުރަތަމަ 15 ފްލެޓެއް ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރެވެ. ދެވަނަ ބުރުގެ ފްލެޓްތައް ދިނުމަށް 2013 ވަނަ އަހަރު އިއްލާން ކުރި ނަމަވެސް ދިމާވި ތަފާތު އެކި މައްސަލަތަކާއި ހުރެ ލަސްވީނަމަވެސް، ދިމާވި ހުރަސްތައް ނައްތާލުމަށްފަހު މިއަންނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކައް ފްލެޓް ޙަވާލު ކުރެވިގެންދާނޭކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ."ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ފަރާތްތަކައް ޚާއްޞަކޮށްެގެން ދޫކުރުމަށް ހަމަޖެހިފައިވާ 15 ފްލެޓް ފޯރުކޮށްދިނުމުގެ ގޮތުން،15 ފަރާތް ޝޯޓް ލިސްޓް ކުރެވި، ލިސްޓާއި ގުޅޭގޮތުން ޝަކުވާތަކެއް ހުޝަހެޅި،ޝަކުވާތަކުގެ މައްޗަށް ބިނާ ކުރެވި،އަލުން އުޞޫލްތަކެއް މިވަނީ ޤާއިމް ކުރެވިފައި. އަލުން މި ޤާއިމް ކުރެވި، އާއުޞޫލްތަކުގެ ދަށުން ،މުޅި ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތްކޮށް،ފްލެޓަށް އެދި ހުޝަހަޅާފައިވާ 527 ފަރާތާއި އިންޓަވިއު ކުރެވި، ފަނަރަ ފަރާތެއް މިހާރު މިވަނީ ޝޯޓް ލިސްޓް ކުރެވިފައި. އެފަރާތްތަކުގެ ނަންނައް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާ މިއަންނަ ހަފްތާ ނިމުމުގެ ކުރިން އިރާދަ ކުރެއްވިއްޔާ ފްލެޓް ޙަވާލު ކުރެވޭނެ" ބަންޑާރަނައިބު ވިދާޅުވިއެވެ.މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް އޯގާތެރި ކަމާއި އެކު ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައްދުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ދޭންޖެހޭ ޚާއްޞަ ތެރަޕީތައް ދިނުމައްޓަކައި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، އެންސްޕާ ގުޅިގެން އިތުރު ސްޕެޝަލިސްޓުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.ފާހަގަ ކޮށްލެވޭ އެއްކަމަކީ، މިއަހަރުގެ ތެރޭގައިވެސް އޮކިއުޕޭޝަނަލް ތެރަޕިސްޓުން ގެނެސް އައި.ޖީ.އެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި ތެރަޕީތައް ދޭން ފެށުން.ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެފައިވަނީ، އިތުރު ހަ ތެރަޕިސްޓުން ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ އެފަރާތްތަކައް ދޭ އެންމެހައި ޚިދްމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުން ކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން "މަލްޓީ ޕާޕަސް ބިލްޑިންގް އެއް ޤާއިމް ކުރުމަށް މިހާރު ތައްޔާރުވަމުންދާކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ."މަލްޓިޕާޕަސް ބިލްޑިންގް އެއް އެޅުމުގެ މަސައްކަތް ސަރުކާރުން އެބަކުރަމު. އެކަމަށް ބޭނުންވާ ބިން ހަމަޖެހި މިހާރު ދަނީ އިމާރާތް ކުރެހުމުގެ މަސައްކަތް. އެއީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑެވެލޮޕްމެންޓާއި ގުޅިގެން ކުރެވޭ މަސައްކަތެއް. ބިލްޑިންގްގައި މި މިނިސްޓްރީއަށް ކަނޑައެޅިފައިވާ ފްލޯތަކުގައި، މިިނިސްޓްރީއާއި ގުޅުން ހުރި، ސްޕެޝަލަައިޒް ޚިދްމަތްތައް އިރާދަ ކުރެއްވިޔާ ޤާއިމް ކުރަމުން ގެންދާނަން. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ނުވަތަ ކުދިންނަށް ބޭނުންވާ ޚާއްޞަ ތެރަޕީ ކްލިނިކްތައް ހެދުން ހިމެނޭ." ބަންޑާރަނައިބު ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ގުނަ ޚިދްމަތަތްތަކެއް ފޯރުކޮށްދެމުން ދިޔަ ކަމުގައިވީ ނަމަވެސް މިކަމުގެ އާއްމު މައްލޫމާތު އާއްމުންނަށް އިނގޭ މިންވަރު ކުޑަކަން ޖެންޑަރ މިނިސްޓްރީއިން ފާހަގަ ކުރައްވައެވެ.އެހެންކަމުން މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން މިއަހަރުގެ ތެރޭގައި އެމިނިސްޓްރީން ދޭ ޚިދްމަތްތަކާއި އަދި ވަކިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ކަށަވަރު ކުރުމަށް އެމިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކާއި ދެމުންދާ ޚިދްމަތްތަކައް އާއްމުން އަހުލުވެރި ކުރުވުމުގެ ގޮތުން އަތޮޅުތެރެއާއި މާލޭގައި ތަފާތު އެކި ހޭލުން ތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެއެވެ.