ޚަބަރު

އެޗްއެމްއެފްގައި މިދިޔަމަހު އެޑްމިޓްކުރި %93މީހުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ


މިދިޔަ މޭއިމަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންގެތެރެއިން %93 މީހުންނަކީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުކުރާ މީހުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ނިމުނު މޭއި މަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގަ 725މީހުންނަށް ފަރުވާދީފައިވާއިރު މޭއި މަސް ނިމުނު އިރު ފަރުވާދީ 718މީހުން މެޑިކަލް ފެސިލިޓީންވަނީ ދޫކޮށްލާފައެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު މީހުންގެ ބޮޑު އިންސައްތައަކީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންކަމަށެވެ.

" މިދިޔަމަހު މެޑިކަލް ފެސިލިޓީގަ ފަރުވާދިން އަދަދުގައި ހިމެނޭ އޭޕްރިލްމަހުން ފެށިގެން އެޑްމިޓްކޮށް ފަރުވާދޭ މީހުންނެވެ. މޭ މަހު ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާހޯދި މީހުންގެ %93އަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުން." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް ބަލީގައި މިވަގުތުވެސް އެޑްމިޓްކޮށްގެން 166މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ 89މީހުންނަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީގެ އައިސީޔޫގަ 8މީހުންނަށް ފަރުވާދެމުން އަންނައިރު، 5 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގަ 26 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ޑީއެޗް 17ގައި ވޯޑްގަ 5މީހުން، ޑީއެޗް 16ގައި 2މީހުން، ހިޔަލަ ވިންގްގަ 5މީހުން، ޕްރައިވެޓް ރޫމްގަ 4މީހުން އަދި ޑީއެޗް 11ގައި އައިސީޔޫގަ ފަރުވާދެމުންދާ 9މީހުންނެވެ. ޑީއެޗް 11ގައި ތިބި 9މީހުންގެ ތެރެއިން 5މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފެސިލިޓީގަ 20މީހުންނަށް އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އަދި އޭޑީކޭގަ ކޯވިޑް ބަލީގެ 4 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އަތޮޅުތަކުގަ ހުރި ފެސިލިޓީތަކަށް ބަލާއިރު، އައްޑޫ ފެސިލިޓީގަ 3މީހުން، ބ.އޭދަފުށި ފެސިލިޓީގަ 5މީހުން، ށ.ފުނަދޫ ފެސިލިޓީގަ 10މީހުން، ލ.ގަމު ފެސިލިޓީގަ 5މީހުން، ގދ.ތިނަދޫ ފެސިލިޓީގަ 2މީހުން އަދި ގއ.ވިލިންގިއްޔާ ފުވައްމުލައް މިއިން ކޮންމެ ފެސިލިޓީއެއްގައި އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19 ބަލީގަ ގިނައިން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ދާއިމީ ބަލިތަކާ އަދި އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ. ބަލީގައި ބޮޑުވަރުވުން ކުޑަކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިއްޙީ މާހިރުން ފާހަގަކުރަނީ ވެކްސިން ދިނުމެވެ. ރާއްޖޭގަ 300000އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ. މިހާތަނަށް ދެވަނަ ޑޯޒް 170000އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފައިވެއެވެ.