ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ ވަޒީފާގެ ބާޒާރު އަނެއްކާވެސް ހީނަރުވެއްޖެ


ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެނެޑާގެ ވަޒީފާގެ ބާޒާރު އަނެއްކާވެސް ހީނަރުވެއްޖެއެވެ.

ކެނެޑާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މެއިމަހު އެކަނިވެސް 680000 ވަޒީފާ ވަނީ ގެއްލިފައެވެ. މިއީ އޭޕްރީލްމަހު ގެއްލިފައިވާ 207100 ވަޒީފާއަށް އިތުރުވީ ޢަދަދެކެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް 8.1 އިންސައްތައިން 8.2 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

ފިޔަވަޅުތައް ނެގިހާ އަވަހަކަށް ކަންތައްތައް ރަނގަޅުވެގެންދާނެކަމަށް މާހިރުން އުންމީދު ކުރާއިރު ވެކްސިން ދޭ ރޭޓް މަތިކުރުމުގެ ސަބަބުން ކޭސްތަކުގެ ދަށްވަމުންދާތީ ކެނެޑާގެ ބޮޑު 2 ޕްރޮވިންސް މިހާރު މަޑުމަޑުން އަންނަނީ ހުޅުވާލަމުންނެވެ.

މިފަހަރު ކުރިމަތިލާންޖެހުނު ތިންވަނަ ރާޅުން އަރައިގަތުމަށް އޭޕްރީލް މަހުން ފެށިގެން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތައް ގިނަ ޕްރޮވިންސްތަކުގައި މެއި މަހާއި ހަމައަށް ވަނީ ދަމަހައްޓާފައެވެ. މީގެސަބަބުން މިފަހަރު ގެއްލުނު ވަޒީފާތައްވެސް ވަނީ ގިނަވެފައެވެ.

ވިޔަފާރިތައް އަލުން ހުޅުވާލެވި އިޤްޠިޞާދީ ޙަރަކާތްތައް އިތުރުވާން ފެށުމުން މިއަހަރުގެ ދެވަނަ ހާފްގައި މިކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އިޤްޠިޞާދީ މާހިރު ލަފާކުރެއެވެ. ވަޒީފާނެތް މީހުންނަށްދޭ އިނާޔަތްތައް އިތުރުކުރުމާއި އެކަށީގެންވާ ވަޒީފާއެއް ނުލިބުމުގެ ސަބަބުން އެމެރިކާގެ ވަޒީފާގެ ބާޒާރުގައި ވަޒީފާތަކަށް މީހުން ހޯދުން ވަނީ ދަތި ކަމަކަށްވެފައެވެ. އޯގަސްޓްމަހަށްފަހު ދެވަނަ ފަހަރަށް ކެނެޑާގެ ވަޒީފާގެ ބާޒާރު މިހާ ދަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ބަލިމަޑުކަމުގެ ކުރިން ކެނެޑާގެ ވަޒީފާނެތް މީހުންގެ ނިސްބަތް ހުރި 6 އިންސައްތައަށްވުރެ ދަށުގައެވެ. މެއިމަހު ބޮޑަށް ދަށްވެފައިވަނީ ޕާޓް ޓައިމް ވަޒީފާތަކެވެ.