ކޯވިޑާއި ދެކޮޅަށް ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު މިއަހަރު ދުނިޔޭގެ އިޤްޠިޞާދު އިތުރަށް ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ވޯލްޑް ބެންކުން ބުނީ ވެކްސިން ދޭ މިންވަރު އިތުރުކުރުމަށް އެމެރިކާއިން ބޮޑު ޚަރަދެއްކުރުމާއި ޗައިނާގައި ވެކްސިންދޭ މިންވަރު އިތުރުވުމާއި ގުޅިގެން މިއަހަރު ދުނިޔޭގެ އިޤްޠިޞާދު 5.6 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށެވެ.
ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާގޮތުގައި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާއި ޙަވާލުވުމުގެ ކުރިން ޖެނުއަރީމަހު 1.5 އިންސައްތައިގެ ކުރިއެރުމެއް ދުނިޔޭގެ އިޤްތިޞާދަށް ވަނީ ލިބިފައެވެ. އަދި ކޯވިޑް 19 ގެ އެހީގެ ޕެކޭޖްގެ ގޮތުގައި 1.9 ޓްރިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. މިއާއެކު އެމެރިކާ އަދި ދުނިޔޭގެ މުއްސަނދި އެހެން ޤައުމުތަކުގައި ވެކްސިން ދޭ މިންވަރު ވަނީ ފުޅާވެފައެވެ.
ނަމަވެސް ކުރިއަރަމުން އަންނަ ޤައުމުތަކާއި މަދުން އާމްދަނީ ލިބޭ ޤައުމުތަކަށް މި ކުރިއެރުން ލިބޭނެކަން ލަފާކުރަން އުނދަގޫކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކެއްގައި ކޯވިޑްގެ ކޭސްތައް ގިނަވެ ވެކްސިން ދިނުން އުނދަގޫ ކަމަކަށްވެފައިވާކަމަށް ވޯރލްޑް ބޭންކުން ބުނެއެވެ. މިއާއެކު 2022 އަންނަންވާއިރުވެސް ދުނިޔޭގެ އިޤްޠިޞާދު އޮންނާނީ މި ބަލިމަޑުކަމުގެ ކުރިން ލަފާކޮށްފައިވާ ޢަދަދަށްވުރެ 2 އިންސައްތަ ދަށުގައެވެ. އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިޤްޠިޞާދު އޮންނާނީ މިއަހަރު ލިބިފައިވާ ގެއްލުމުން އަރަނުގަނެވިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ވޯރލްޑް ބޭންކުގެ އިޤްޠިޞާދީ މާހިރު އައިހާން ކޯސް ބުނިގޮތުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މިހާރަށްވުރެ ފުޅާކޮށް ވެކްސިން ދޭން ފެށިއްޖެނަމަ ދުނިޔޭގެ ޖީޑީޕީ މިހާރު ލަފާކޮށްފައިވާ 4.3 އިންސައްތައިން 5 އިންސައްތައަށް ކުރިއެރުމަށް ވަރަށް ފަސޭހަވެގެންދާނެއެވެ.
އިޤްޠިޞާދީ އެހީތެރިކަމުގެ ސަބަބުން އެމެރިކާގެ އިޤްޠިޞާދު ވަނީ ޖެނުއަރީމަހު ވޯލްޑް ބޭންކުން ލަފާކޮށްފައިވާ 3.3 އިންސައްތައިން 6.8 އިންސައްތައަށް ކުރިއަރާފައިކަމަށް ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކައެވެ. އަދި މިއީ 1984 ވަނަ އަހަރަށްފަހު އެންމެ އަވަހަށް އެމެރިކާގެ އިޤްޠިޞާދު ކުރިއަރައިގެން ދިޔަ ފަހަރުއެވެ.
ޔޫރަޕްގެ ސަރަޙައްދުގެ އިޤްޠިޞާދު 0.6 އިންސައްތައިން 4.2 އިންސައްތައަށް އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު ޗައިނާގެ އިޤްޠިޞާދު 0.6 އިންސައްތައިން 8.5 އިންސައްތައަށް އިތުރުވާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ޗައިނާ ފިޔަވައި ކުރިއަރަމުންނަ ޤައުމުތަކުގެ އިޤްޠިޞާދު 4.4 އިންސައްތައަށް ކުރިއަރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެކްސިން ހިލޭ ލިބޭނެގޮތް ވީހާވެސް އަވަހަކަށް ހެދުމަށް އެމެރިކާ އަދި މުއްސަނދި އެހެން ޤައުމުތަކަށް ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވަނީ ގޮވާލައްވާފައެވެ.