ދުނިޔޭގެ ވިޔަފާރި

ކުޑަކުދިން ލައްވާ މަސައްކަތްކުރުވުން 20 އަހަރަށްފަހު އަނެއްކާވެސް މައްޗަށް


ދިރިއުޅުމަށް މަސައްކަތްކުރާ ކުޑަކުދިންގެ އަދަދު ވިހި އަހަރަށްފަހު އަނެއްކާވެސް 160 މިލިއަނަށް އިތުރުވެފައިވާކަމަށް ޔޫއެން އިން ބުނެފިއެވެ. ކޯވިޑްގެ ބަލިމަޑުކަމާއިހެދި މި ޢަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެން ދާނެކަމުގައިވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 8.4 މިލިއަން ކުޑަކުދިންނަށް މަސައްކަތްކުރަން މަޖުބޫރުވެފައިވާއިރު ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަންނަ އަހަރު ނިމޭއިރު މިއަދަދު 9 މިލިއަނަށް އަރާނެކަމަށް ބުނެ ޔުނިސެފް އަދި އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) ލަފާކުރެއެވެ. މިއާއެކު އިޖްތިމާޢީ ރައްކާތެރިކަން އަވަސްގޮތެއްގައި ލިބޭނެގޮތެއް ނެތްނަމަ ޙާލަތު އެންމެ ގޯސްވެގެންދާއިރު މި ޢަދަދު 46 މިލިއަނަށް އަރައިގެން ހިނގައިދާނެކަމުގައިވެސް އައިއެލްއޯއިން ތައްޔާރުކޮށްފައިވާ މޮޑެލްއަކުން ދައްކައެވެ.

ފަހުގެ މި ލަފާކުރުންތަކަކީ އެންމެން މިކަމަށް ހޭލަންވެއްޖެކަމުގެ ނިޝާނެއްކަމާއި އަނެއްކާވެސް އައު ޖީލެއް މި ނުރައްކާތެރިކަމަށް ހުށަހެޅުމަށް ފުރުޞަތު ދީގެން ނުވާނެކަމުގައި އައިއެލްއޯގެ ޑިރެކްޓަރ ޖެނެރަލް ގައި ރައިޑަރ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ފަޤީރުކަން ނައްތާލައި ކުޑަކުދިން ލައްވައި މަސައްކަތްކުރުވުން ހުއްޓުވަންވީ ވަގުތުކަމުގައިވެސް ރައިޑަރ ވިދާޅުވިއެވެ.

އެކިއެކި ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ވަނީ ކުޑަކުދިންލައްވާ މަސައްކަތްކުރުވުން ހުއްޓުމަކަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ސަބަބުން 2000 ން 2016 އަށް ކުޑަކުދިންލައްވާ މަސައްކަތްކުރުވާ ޢަދަދު ވަނީ 94 މިލިއަނަށް ތިރިވެފައިކަމުގައި އައިއެލްއޯގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު ދުވަސްތެރޭގައި އަނެއްކާވެސް މި ޢަދަދުތައް މިވަނީ އިތުރުވާން ފަށާފައެވެ.

އައިއެލްއޯގެ ރިޕޯޓުން ދައްކާގޮތުގައި ފަސް އަހަރާއި އެގާރަ އަހަރުގެ މަސައްކަތް ކުރާ ކުޑަކުދިންގެ ޢަދަދު މުޅި ދުނިޔޭގައި މަސައްކަތްކުރުވާ ކުދިންގެ ޖުމްލަ ޢަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުވެ. އަދި އެކުދިންގެ ސިއްޙަތަށާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ މަސައްކަތްތައް ކުރާ ފަސް އަހަރާއި ސަތާރަ އަހަރުގެ ކުދިންގެ ޢަދަދު 2016 ވަނަ އަހަރަށްފަހު ވަނީ 6.5 މިލިއަނުން 79 މިލިއަނަށް އިތުރުވެފައެވެ. ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ކުޑަކުދިންގެ ޢަދަދު 112 މިލިއަނަށް އަރައެވެ.

ސަބް ސަހާރަން އެފްރިކާގެ އާބާދީތަކުގައި ފަޤީރުކަން އިންތިހާއަށް އިތުރުވެ އިޖްތިމާޢީ ރައްކާތެރިކަން ނެތުމުގެ ސަބަބުން އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިތުރު 16.6 މިލިއަން ކުޑަކުދިން ވަނީ މަސައްކަތްކުރަން ފަށާފައެވެ. މީގެއިތުރުން އޭޝިއާ ޕެސިފިކް، ލެޓިން އެމެރިކާ އަދި ކެރީބިއަނުން މިކަމުގައި ހޯދާފައިވާ ކުރިއެރުމަށް މި ބަލިމަޑުކަމުގެ ސަބަބުން ބިރުވެރިކަން އެބަ އޮތް ކަމަށް އައިއެލްއޯއާއި ޔުނިސެފުން ދަނީ އިންޒާރުދެމުންނެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ސްކޫލްތައް ބަންދުވެ އިޤްޠިޞާދު ހީނަރުވެފައިވާތީ ކުޑަކުދިން މަސައްކަތްކުރަން ފޮނުވުމަށް ޢާއިލާތަކަށްވަނީ މަޖުބޫރުވެފައެވެ.
5 އަހަރާއި 11 އަހަރާއި ދެމެދުގެ ގާތްގަޑަކަށް 28 އިންސައްތަ ކުދިން އަދި 12 އަހަރާއި 14 އަހަރުގެ 35 އިންސައްތަ މަސައްކަތްކުރާ ކުދިންނަކީ ސްކޫލަށް ނުދާ ކުދިންނެވެ. އެހެންކަމުން އެކި ކަހަލަ ޕްރޮގްރާމްތަކަށް އިންވެސްޓްކޮށް ކުދިން އަލުން އަނބުރާ ސްކޫލަށް ފޮނުވުމަށް ސަރުކާރުތަކަށާއި ބައިނަލްއަޤުވާމީ މާލީ ޖަމިއްޔާތަކަށް ޔުނިސެފާއި އައިއެލްއޯ އިން ވަނީ ގޮވާލާފައެވެ.

ކުޑަކުދިންނަށް ދޭ ޢިނާޔަތްތައް އިތުރުކުރުމަށާއި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޔޫއެން އިންވެސް ވަނީ ޤައުމުތަކަށް ގޮވާލާފައެވެ.