ދުނިޔެ

ކިޑްނީ ބަލިތަކަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާގައި ޤާއިމުކުރި އެންމެ ބޮޑު ހޮސްޕިޓަލު ލަންކާގައި


ކިޑްނީ ބަލިތަކަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާ ސަރަޙައްދުގައި ޤާއިމުކުރި އެންމެ ބޮޑު ހޮސްޕިޓަލު ސްރީލަންކާގައި ހުޅުވައިފިއެވެ.

ސްރީލަންކާގެ ނޯތު ސެންޓްރަލް ޕްރޮވިންސްގެ އަވަށެއްކަމަށްވާ ޕޮލޮނަރުވާގައި ހުޅުވި މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ 60 މިލިއަން ޑޮލަރުގެ އެހީ އެއިޑްގެ ދަށުން ޢިމާރާތްކޮށްފައިވާ ހޮސްޕިޓަލެކެވެ. ގާތްގަނޑަކަށް 269،000 އަކަ މީޓަރުގެ ބޮޑު މި ހި ހޮސްޕިޓަލަށްދީފައި ވަނީ "ޗައިނާ-ސްރީލަންކާ ފްރެންޑްޝިޕް ހޮސްޕިޓަލް" މި ނަމެވެ. މިއީ ކިޑްނީ ބަލީގެ ފަރުވާއަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އެންމެ ބޮޑު ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވީ ސްރިލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާއެވެ. ހޮސްޕިޓަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި، އެ ޤައުމުގެ ހެލްތު މިނިސްޓަރު ޕަވިތުރަރ ވަނިއަރައްޗީއާއި، ނޯތު ސެންޓްރަލް ޕޮރޮވިންސްގެ ގަވަރުނަރު މަހީޕަލަ ހެރަތުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޗައިނާއާއި ލަންކާގެ ތާރީޚާއި ސަޤާފަތް ރަމްޒުކޮށްދޭ އިހުގެ އާކިޓެކްޗަރަލް ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ހޮސްޕިޓަލަކީ 200 އެނދުގެ ހޮސްޕިޓަލެކެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މި ހޮސްޕިޓަލުން ކިޑްނީ ޓްރާންސްޕްލާންޓް ހެދުމާއި، ކިޑްނީއާއި ގުޅުންހުރި ތަފާތު ތަޙުލީލުތަކާއި އޮޕަރޭޝަންތައް ކުރެވޭނެއެވެ.

އެގޮތުން 100 މެޝިނާއެކު ޤާއިމުކޮށްފައިވާ ޑަޔަލަސިސް ޔުނިޓަކާއި، 5 އޮޕަރޭޝަން ތިއޭޓަރާއި، 20 އެނދުގެ އިންޓެންސިވް ކެއަރ ޔުނިޓަކާއި، ކިޑްނީ ޕޭޝަންޓުންނަށް ޚާއްސަ ކޮމްޕްލެކްސެއްގެ އިތުރުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޓާފުންނަށް ޚާއްސަ ހޮސްޓެލް ފެސިލިޓީއެއްވެސް ހިމެނެއެވެ. މިތަނުގައި ލެބޯރަޓަރީތަކާއި، ރޭޑިއޭޝަން އަދި ސީޓީ ސްކޭންގެ ޚިދުމަތްވެސް ލިބިގެންދާއިރު، އެކިކަހަލަ ސެމިނަރތައް ބޭއްވުމަށް ޚާއްސަކޮށްފައިވާ އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ލަންކާގައި އެންމެ އާއްމު ބަލިތަކުގެ ތެރޭގައި ކިޑްނީއާއި ގުޅުންހުރި ބަލިތައް ހިމެނޭއިރު، މިފަދަ ހޮސްޕިޓަލެއް ޤާއިމުވެގެން ދިއުމުން، ލަންކާގެ އިތުރުން ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ރައްޔިތުންނަށްވެސް ކިޑްނީއާއި ގުޅުންހުރި ބަލިތަކުގެ ފަރުވާ ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ލަންކާ ސަރުކާރުން ވިދާޅުވެއެވެ.